ޚަބަރު

ރައީސް ޔާމީންގެ ތަރައްޤީގެ މަސައްކަތާ ގުޅުމަށް އެމްޑީޕީގެ ކައުންސިލަރުންނަށް ދަޢުވަތު ދެއްވައިފި


އެމްޑީޕީގެ މެޖޯރިޓީ އޮންނަ ބ.ހިތާދޫގެ ތިން ކައުންސިލަރުންވެސް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ތަރައްޤީގެ މަސައްކަތްޕުޅާ ގުޅިވަޑައިގަތުމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ދައުވަތު ދެއްވައިފިއެވެ.

މިނިސްޓަރު ސައީދު އެބޭފުޅުންގެ އަރިހުން މިގޮތަށް އެދިވަޑައިގަތީ ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް މިހާރު ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހިތާދޫއަށް ވަޑައިގަތުމުން އެކަމަނާއަށް މަރުޚަބާ ދެންނެވުމަށް އެންމެ ކުރީގައި އެމްޑީޕީގެ ކައުންސިލަރުން ތިއްބެވުމާ ގުޅިގެނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހިތާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ގެންދަވަނީ ވަކި ފިކުރަކަށް ނުބައްލްވާ މިޤައުމަށް އެންމެ ޒަމާނީ ތަރައްޤީ ގެނެސްދެއްވަމުން ކަމަށާއި އެހެން ކަމުން ހިތާދޫގެ ތަރައްޤީއަށްޓަކައި އެރަށު ކައުންސިލަރުން ރައީސް ޔާމީނާ ގުޅިވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުކޮށްދިނުމަށްވެސް ކައުންސިލަރުންގެ އަރިހުން މިނިސްޓަރ ސަޢީދު އެދިވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަށްރަށަށް ވަޑައިގަތުމުން އެކަމަނާއަށް ޚޫނު މަރުޚަބާއެއް ދަންނަވާއިރު، އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންވެސް އެކަމަނާއަށް މަރުޚަބާ ދެންނެވުމަށް ނިކުންނަމުންދާކަން ފާހަގަކޮށްލެވެއެވެ.