ޚަބަރު

މަޑިފުށިން ރައީސް ޔާމީނަށް އާދައާޚިލާފު ހޫނު މަރުޙަބާއެއް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރަށްރަށަށް ވަޑައިގަތުމުން ޢާއްމު ރައްޔިތުންދަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވަމުންނެވެ. ވޭތުވެދިޔަ ހަތަރުއަހަރުދުވަހު ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންދިޔަ ތަރައްޤީގެ މަޝްރޫޢުތައް ނުމުމުގެ އުފާފާޅުކުރުމުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު މިހާރު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ތަރުޙީބާއި ތާޢީދު އެމަނިކުފާނަށް އޮތްމިންވަރު އިތުރަށް ދަނީ ހާމަވަމުންނެވެ.

ވޭތުވެދިޔަ ހަތަރުއަހަރުދުވަހު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢުތަކުގެ ކާމިޔާބީ ހާމަވެގެންދާ އެންމެބޮޑު ހަޤީގަތަކީ އެމަނިކުފާނު ރަށްރަށަށް ވަޑައިގަތުމުން އެރައްރަށުގެ ރައްޔިތުން ދަންނަވަމުންދާ އާދައާޚިލާފު ތަރުޙީބުކަމަށް ރައީސް ޔާމީންވަނީ ވިދާޅުވެފައެވެ. ތ.އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މީގެކުރީގެ ސަރުކާރުތަކުގައި މަޑިފުށި ވެގެންގޮސްފައިވަނީ އަޅާ ނުލައި ދޫކޮއްލާފައިވާ ރަށަކަށްކަމަށެވެ. އެހެންނަމަވެސް މިސަރުކާރުން އެރަށުގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސްވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން މަޑިފުއްޓަށް އެއަތޮޅު ވިލިފުއްޓާއި އެއް ހަމައެއްގެ ތަރައްޤީ އެމަނިކުފާނުގެ ދެންއަންނަ ރިޔާސީ ދައުރެއްގައި ގެނެސްދެއްވާނެކަމުގެ އުފާވެރި ޚަބަރުވެސް އެމަނިކުފާނު ވަނީ ދެއްވާފައެެވެ.

މަޑިފުށީގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީންވަނީ އެމަނިކުފާނު އެރަށަށް ވަޑައިގަތުމުން އެރަށުގެ ޢާއްމުރައްޔިތުން އެމަނިކުފާނަށް ދެންނެވި އާދައާޚިލާފު ހޫނު މަރުޙަބާ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އެކަހެރިކޮއްލާފައިވާ މަޑިފުށިފަދަ ރައްރަށަކީ ރައީސް ޔާމީންގެ ޒައާމަތުގައި ބޮޑެތި މަޝްރޫތަކެއް ހިންގާފައިވާ އަދިވެސް ހިންގާނެ ތަންތަންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތ.އަތޮޅުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅުގެ ހުރިހާރަށަކުންވެސް ރައީސަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. އަދި މަޑިފުށިންވަނީ އެހެންރަށްރަށަށްވުރެވެސް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ވިއްސާރައިގެ ސަބަބުން ރައީސްގެ ދަތުރުފުޅުގެ ޕްލޭނަށްއައި ބަދަލުތަކާއިއެކު މަޑިފުއްޓަށް ކުރެއްވި ދަތުރުފުޅު ފަސްޖެހުމުންވެސް ރައީސް ޔާމީންގެ އިސްތިޤުބާލުގައި މަޑިފުށީގެ ކުދިބޮޑު އެންމެންހެން އެއްވެފައި އޮތްކަން ފާހަގަކުރެވެއެވެ. އަދި އެއްވެސް ފޫހިކަމެއް ވަރުބަލިކަމެއްނެތި، ރައީސްޔާމީން 2018 ގެ ޝިޢާރުތައް އަޑުއުފުލުމުގައި އެރައްޔިތުން އެތައްވަގުތެއް ހޭދަކޮށްފައިވާކަމަށް ފާހަގަކޮށްލަންޖެހެއެވެ.