ޚަބަރު

ގެއްލުނު ދޯނި ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފި


ރޭ ގެއްލުނު ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ވައިގެ މަގުން ފަށައިފިއެވެ.

ނ. ޅޮހިން ފުރައިގެން ދަތުރުކުރި ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ހޯދުމުގެ މަސައްކަތް ރެއިން ފެށިގެން ދަނީ ކުރަމުންނެވެ.

އެމް.ޑީ.އެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ރޭ ދަންވަރު ދޭއް ޖެހިއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު މި ދޯނި ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި މިހާރު އެ ދޯނި ހޯދުމުގެ މަސައްކަތް ސީޕްލޭނެއްގެ އެހީގައި ފަށާފައިވާކަމަށެވެ.

އެމްއެންޑީއެފުން ބުނީ ރޭ 10:30 ހާއިރު ޅޮހިން ފުރި މި ދޯނީގައި ދަތުރުކުރަމުންދަނީ ނ.ޅޮހީ ފެހިވިނަ އުމުރުން 30 އަހަރުގެ ޙުސައިން އަދުނާނު ކަމަށެވެ. އަދި އޭނާއާ އެންމެ ފަހުން ގުޅިފައިވަނީ ރޭ ދަންވަރު އެއްގަޑި ތިރީހުގައި ކަމަށެވެ. އޭރު ދޯނި އޮތީ ނ.މަނަދޫއާއި ނ.ޅޮއްސާއި ދެމެދުގައި ކަމަށް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ގެއްލިގެން ހޯދަމުން ދަނީ 15 ފޫޓް ދިގު، ބޭރުގައި މަޑު ނޫކުލައިގެ ދަވާދު ލާފައިވާ، 15 ހޯސްޕަވަރުގެ އައުޓްބޯޑް ސުޒުކީ އިންޖީނެއް އަޅާފައިވާ ދޯންޏެއްކަމަށްވެސް އެމް.އެން.ޑީއެފުން ބުނެއެވެ.

މިދޯންޏާއި މިދޯނިން ދަތުރުކުރަމުންދާ މީހާއާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި މައުލޫމާތުދެއްވުމަށް އެމް.އެން.ޑީއެފުން އިލްތިމާސްކުރެއެވެ.