ޚަބަރު

ޞިއްޙީ ދާއިރާގެ ލަނޑުދަޑިތައް ހާޞިލުކުރާނީ ހުރިހާދާއިރާއެއް ޝާމިލުކޮށްގެން - ހެލްތު މިނިސްޓަރ


ރާއްޖޭގެ ސިއްޙީ ދާއިރާގެ ލަނޑުދަޑިތައް ޙާސިލްކުރުމުގެ މަސައްކަތަކީ ހުރިހާ ދާއިރާއެއް ގުޅިގެން ކުރެވޭނެ ކަމެއްކަމަށާ، އަމާޒަށް ވާޞިލުވުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހުން އެކުލަވާލާފައިވާ، "މޯލްޑިވްސް ޑަބްލިއުއެޗްއޯ ކަންޓްރީ ކޯޕަރޭޝަން 2018އިން 2022އަށް " ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"މޯލްޑިވްސް ޑަބްލިއުއެޗްއޯ ކަންޓްރީ ކޯޕަރޭޝަން 2018އިން 2022އަށް " މިނަމުގައި އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭން ނެރެދެއްވީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމާއި ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ޑރ.އަރްވިންދް މާތޫރެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މި ޕްލޭންގައި ރާއްޖޭގެ ޞިއްޙީދާއިރާގެ ލަނޑުދަޑިތައް ޙާޞިލްކުރުމަށް ހުރިހާ ދާއިރާއެއް ގުޅިގެން ކުރެވޭނެކަންތައްތަކާއި، މަސައްކަތްތައް ކުރެވޭނެގޮތްތައް ކަނޑައަޅާފައިވާކަމަށެވެ.

"ޤައުމެއްގެ ޞިއްޙީ ދާއިރާ އެންމެއެކަށީގެންވާ ގޮތުގައި ހަރުދަނާކޮށް، ބިނާކުރެވޭނީ ހުރިހާ ދާއިރާއެއްގެ ޙިއްސާއާއެކު. އެހެންކަމުން މިސްޓްރެޓެޖީގައިވެސް އެކި ދާއިރާތައް ގުޅިގެން ސިއްހީ ލަނޑުދަޑިތައް ހާސިލްކުރެވޭނެ ގޮތްތައް ބަޔާންކުރެވިފައިވާނެ. ޚާއްސަކޮށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަޑިތައް ހާސިލްކުރުމުގައިވެސް ހުރިހާ ދާއިރާއެއް އެކުގައި މަސައްކަތްކުރަންޖެހޭ."

މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ މަންދޫބު ޑރ.އަރްވިންދް މާތޫރު ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއިން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ޙާޞިލްކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް މިކަމަށް ތާރީފްކުރައްވާފައެވެ. އަދި "މޯލްޑިވްސް ޑަބްލިއުއެޗްއޯ ކަންޓްރީ ކޯޕަރޭޝަން 2018އިން 2022އަށް " މިނަމުގައި އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭނަކީ ހުރިހާ ދާއިރާއެއް ޝާމިލްކޮށްގެން ތައްޔާރުކޮށްފައިވާ ޕްލޭނެއްކަމަށާ، ސިއްހީ ދާއިރާއިން މިހާތަނަށް ރާއްޖެ ހޯދި ކާމިޔާބީތަކެކޭ އެއްފަދައިން މިޕްލޭނުގައި ހިމެނޭ ކަންތައްތައްވެސް ހާސިލްކުރާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

"މިސްޓްރެޓެޖީ ކާމިޔާބުކޮށްފިނަމަ ރާއްޖެވެގެންދާނީ ކޮލިޓީ، އަގުހެޔޮ އަދި ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ފޯރުކޮށްދޭ، ސިއްހީ ދާއިރާގެ ލާމަސީލު ޤާއުމަކަށް. ޝައްކެއްވެސްނެތް، ކުރިޔަށްއޮތް ފަސްއަހަރުގެ ހުރިހާ ދާއިރާއެއް އެކުގައި އެކުލަވާލި މިސްޓްރެޓެޖީ ހުރިހާ ފަރާތެއް އެކުގައި ހާސިލްކުރުމަށް މަސައްކަތްކޮށް، މިކަން ކާމިޔާބުވެސް ކުރެވޭނެ. ޑަބްލިއުއެޗްއޯއިން ކުރިއެކޭ އެއްފަދައިން ކުރިޔަށް އޮތްތާގައިވެސް ރާއްޖެއާއެކު އިތުރު ކުރިއެރުން ސިއްހީ ދާއިރާއިން ހޯދުމުގައި ދެމި ހުންނާނެ."

މާތޫރު ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ކުރިއެރުވުމަށް، ކުރިއަށްއޮތް ފަސްއަހަރުދުވަހަށް އިތުރަށް ބޭނުންވާ ސިޔާސަތުތަކާއި، ކުރެވިދާނެ ކަންތައްތަކާއި ޙާސިލްކުރަން ކަނޑައަޅާފައިވާ ލަޑުދަނޑިތަކާއި އެކި އިދާރާތައް ގުޅިގެން ކުރެވިދާނެ މަސައްކަތަކާއި އެކަމުގެ ތަފްސީލްތައް ހިމެނޭ ސްޓްރެޓީޖިކް ޕްލޭނެކެވެ. މި ޕްލޭން އެކުލަވާލާފައިވަނީ ހެލްތް، ޖެންޑަރ، އެންވަޔަރަމަންޓު، ފިޝަރީޒް، އެގްރިކަލްޗަރ މިދާއިރާތަކުގެ ވުޒާރާތަކާއި ސަރުކަރުގެ އެހެން އިދާރާތަކުގެ ޝާމިލްވުމާއެކު ޑަބްލިއުއެޗްއޯއިން އިސްނަގައިގެންނެވެ.