ޚަބަރު

ހިޔާ އެކޮމްޕްލިޝްޑް މަޝްރޫޢުއަށް ފަސް ހާހަށްވުރެ ގިނަ ފޯމް ނަގައިފި- ޑރ.މުއިއްޒު


ހިޔާ އެކޮމްޕްލިޝްޑް މަޝްރޫޢުގެ ދަށުން، ފްލެޓާއި، ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލުމުން މިހާތަނަށް ފަސް ހާހަށްވުރެ ގިނަ ފޯމް ނަގާފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ މިހާތަނަށް 5222 ފޯމް ނަގާފައިވާއިރު މިކަމުންވެސް ދޭހަވަނީ ރައީސް ޔާމީން މިކަން ކޮށްދެއްވާނެކަން ރައްޔިތުން ޤަބޫލް ކުރާކަން ކަމަށެވެ. މިފަދަ ކަންކަމަށް ރައްޔިތުންގެ ތަރުޙީބް ލިބެމުންދާއިރު އިދިކޮޅު ފަރާތްތަކުން ބޯހިޔާވަހިކަމުގެ ވާހަކަ ދެއްކި ނަމަވެސް ރައްޔިތުން ޤަބޫލް ނުކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމްޑީޕީގެ ބޯހިޔާވަހިކަމުގެ މެނިފެސްޓޯގައި އެމީހަކު ބޭނުންވާތަނަކުން ގޯތިލިބޭނެކަމަށް ބުނަމުންދާއިރު އެއީ ވައުދެއްނޫންކަމަށާއި އެމްޑީޕީން މިހެން ނުބުނިނަމަވެސް ރާއްޖޭގެ ޤާނޫނުއަސާސީގައި ރާއްޖޭގެ ކޮންމެ ރަށަކުން ބިން އޮތްވަރަކަށް ގޯތިދޫކުރުމަށް ލާޒިމްކުރާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ ހިޔާ އެކޮމްޕްލިޝްޑް މަޝްރޫޢުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދުމުގެ ފުރުޞަތު މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން އަންނައަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ހުޅުވާލާފައެވެ. ހައުސިން މިނިސްޓްރީން ބުނީ މިމަހުގެ 15 ވަނަދުވަހު ހިޔާ އެކޮމްޕްލިޝްޑް ފޯމްތައް ބަލައިގަތުމަށް ފަށާނެކަމަށާއި މިހާރު ފޯމްތައް ބަލައިގަތުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ.

އުމުރުން 18 އަހަރު ފުރިފައިވާ، އަދި 1000 އަކަފޫޓު ގޯއްޗެއް ނުވަތަ ބިމެއް އަމިއްލަ ނަމުގައި ނުވަތަ ވާރުތަ މުދަލުގެ ތެރޭގައިވެސް ނުހިމެނޭ ކޮންމެ ދިވެހި ރައްޔިތަކަށްވެސް މި މަޝްރޫޢުގެ ދަށުން ފޯމް ހުށައެޅޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން ގުޅީފަޅުން 230 ހެކްޓަރު އަދި މާލޭ ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅުން 800 ހެކްޓަރު ހިމެނޭހެން ގާތްގަނޑަކަށް 1000 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.