ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކަމަދޫއަށް ވަޑައިގަތުމުން ކަމަދޫ ރައްޔިތުން އެކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ފައްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން، ކަމަދޫއަށް ވަޑައިގެންނެވިއިރު، އެކަމަނާގެ އިސްތިޤުބާލުގައި ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަޙައްދަށް އެއްވެތތިބިއެވެ.
ކަމަދޫއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އެރަށުގައި ދިރިއުޅޭ ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކާއެވެ. އެއަށްފަހު، ކަމަދޫ އިސްރައްވެހިންނާއި އަންހެން ބޭފުޅުން އަދި ޒުވާނުންނާ ބައްދަލުކުރައްވާ އެފަރާތްތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ވަގުތު ހޭދަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެން ރައްޔިތުންނާ މުޙާތަބުކުރައްވާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވަނީ، 2013 ވަނަ އަހަރު ރައީސް ޔާމިން ސަރުކާރާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޚާއްޞައެހީއަށް ބޭނުންވާ ފަރާތްތަކާއި އިސްރައްވެހިން އަދި ކަނބަލުންނަށް ޚާއްޞަ އިސްކަމެއްް ދެއްވައިގެން މަސައްކަތް ކުރައްވާކަން ފަހަގަކުރައްވާފައެވެ. ހަމައެއާއެކު އެކަމަނާ އަކީ ޤައުމުގެ އިޖްތިމާއީ ހަމަޖެހުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަނުން އަންނަ ކަނބަލެެއް ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.
"މެޑަމްއަކީ އަޅުގަނޑު ދަންނަވާނީ ކަނބަލުންގެ ރާނީއޭ. މެޑަމްއަކީ އެކަނިވެރި މައިންނަށް ކަނބަލުންނަށް އަދިވެސް ހުރިހާ ފަރާތްތަކަށް އެހީތެރިވާ ކަނބަލެެއް. މިރަށަށް އައުމުން މެޑަމް އަދި ޓީމަށް ތިދިން ހޫނު މަރުހަބާއަށް ވަރަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރާއްޖޭގެ ހުރިހާ ރައްޔިތުން އުފާކޮށްދޭނެ ހަބަރުތައް ސެޕްޓެމްބަރު 23 ގައި ފެންނާނެ". އިބްރާހިމް ދީދީ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ބ. އަތޮޅަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި މިއަދު އިތުރު ދެ ރަށަކަށް ވަޑައިގަންނަވާނެއެވެ.