ޚަބަރު

ރައީސް ޔާމީން، މަޑިފުށީގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމް، ތ.މަޑިފުށީގައި ސަރުކާރުން ޤާއިމްކުރި ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވައި އެރަށުގައި ކުރިއަށްގެންދިޔަ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރައްވައިފިއެވެ.

މަޑިފުށީގައި ސަރުކާރުން ކުރިއަށްގެންދިޔަ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި ދެ ޕަމްޕް ސްޓޭޝަން ބަހައްޓައި 4596 މީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ޤާއިމްކޮށްފައެވެ. އަދި ރަށުގެ 257 ގެއަށް ވަނީ މި ޚިދުމަތް ފޯރުކޮށްދީފައެވެ. މީގެއިތުރުން ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 305 މީޓަރުގެ އައުޓް ފޯލް ހޮޅިވެސް ވަނީ އަޅާފައެވެ. މި ނިޒާމް ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

ދަޢުލަތުގެ ބަޖެޓުން 30 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން މަޑިފުށީގައި ޤާއިމްކުރި ނަރުދަމާގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. 2015 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢު ނިންމާފައިވަނީ މިއަހަރުއެވެ.

މި މަޝްރޫޢުގެ އިތުރުން މަޑީފުށީގައި 27.5 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު މިމަޝްރޫއުއަށް 75 މިލަޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. 2014 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ފެށި މަސައްކަތް ނިންމާލާފައިވަނީ 2016 ވަނަ އަހަރުއެވެ. މި މަޝްރޫޢުގެ ދަށުން ހިއްކި ސަރަހައްދުގެ ބިން ހިމާޔަތްކުރުމަށް ދައުލަތުގެ ބަޖެޓުން 46 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ވަނީ ޝޯޕްރޮޓެކްޝަން ޖަހާފައެވެ.

މި ދެ މަޝްރޫޢާ ގުޅޭގޮތުން މަޑިފުށީގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ބިންހިއްކަންފެށި ރަށްތަކުގެ ތެރޭގައި މަޑިފުށި ހިމެނޭކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މަޑިފުށީގެ ބިން ހިއްކުމަށް ސަރުކާރުން ނިންމީ އެރަށުން ގޯތި ދިނުމަށާއި އެހެނިހެން ކަންކަން ކުރުމަށް ޖާގަނެތުމުގެ ސަބަބުން އެކަމަށް ހައްލެއް ހޯދައިދިނުމަށްކަމަށެވެ. އަދި މިހާރުވެސް ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށްގެންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މަޑިފުށީގައި މަގުހެދުމުގެ މަސައްކަތާއި ބަނދަރު ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިފަދަ މަޝްރޫއުތަކަކީ ރައީސް ވަރަށް ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދަވާ މަޝްރޫޢުތަކެއް ކަމަށެވެ.

މަޑިފުށީގެ ބިން ހިއްކާ ނިމިފައިވާއިރު ވަރަށް އަވަހަށް އެ އަތޮޅު ގުރައިދޫގެ ބިންވެސް ހިއްކާ ނިމޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް ދެހަފްތާތެރޭގައި ގުރައިދޫގެ ބިން އެއްކޮށް ހިއްކާ ނިންމާލެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ގުރައިދޫ ބިން އަވަހަށް ހިއްކާ ނިންމާލުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާ އެމްޓީސީސީއަށް އަންގަވާފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ސަރުކާރުން ތ. މަޑިފުށީގައި ޤާއިމްކުރި ނަރުދަމާ ނިޒާމަކީ ޑައިރެކްޓް ނެގޯސިއޭޝަންގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.