ޚަބަރު

ވޭތުވެދިޔަ 4 އަހަރަކީ ރާއްޖެއާ ޕާކިސްތާނުގެ ގުޅުމުގެ ރަން ޒަމާން - ސަފީރު


ވޭތުވެދިޔަ 4 އަހަރަކީ ރާއްޖެއާ ޕާކިސްތާނުގެ ގުޅުން އެންމެ ބަދަހިވެގެންދިޔަ ރަން ޒަމާންކަމަށް ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ. ޕާކިސްތާނު ސަފީރު ވަނީ މީޑިއާގެ ދާއިރާއިން 4 އަހަރުގެ ތެރޭގައި ދެޤައުމުގެ ދެމެދު ޤާއިމުކޮއްފައިވާ ގުޅުމަކީ ދެ ޤައުމުގެ ދޭދޭ ގުޅުން ބަދަހިކުރުމަށް ކޮށި މައި މަގުގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޕާކިސްތާނުގެ މިނިވަންދުވަސް ފާހަގަކުރުމަށްޓަކައި ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީން ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖޭގައި ހުންނަވާ ޕާކިސްތާނު ސަފީރު ރިޓަޔާރޑް އެޑްމިރަލް ވަސީމް އަކްރަމް ވިދާޅުވީ ޕާކިސްތާނަށް މިނިވަންކަން ލިބުނުފަހުން ބޮޑެތި ކާމިޔާބީތަކެއް ޙާސިލްކުރެވިފައިވާކަމަށެވެ. ޕާކިސްތާނުން މިނިވަންކަމުގެ ކުޑައިގެ ދަށުގައި ހޯދާފައިވާ ކާމިޔާބީ ފާހަގަކުރައްވަމުން ސަފީރު ވަނީ ވޭތުވެ ދިޔަ 4 ވަރަކަށް އަހަރަކީ ރާއްޖެއާއި ޕާކިސްތަނުގެ ގުޅުމުގެ ރަންޒަމާނުގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޕާކިސްތާނުގެ މިނިވަންދުވަސް ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީން ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް ފާހަގަކުރެއެވެ. އެގޮތުން މިނިވަންދުވަހުގެ ހަރަކާތްތަށް ފަށާފައިވަނީ އެމްބަސީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ދިދަ ނަންގަވާދެއްވާފައިވަނީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނު ސަފީރު ރިޓަޔާރޑް އެޑްމިރަލް ވަސީމް އަކްރަމެވެ.

ޕާކިސްތާނު މިނިވަން ދައުލަތަކަށް ވެފައިވަނީ 1946 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން އިންޑިއާ މިނިވަން ވާން އުޅުނު އިރު، އިންޑިއާގެ މުސްލިމުން ވަކި މުސްލިމު ދައުލަތެއް ބޭނުންވުމުގެ ސަބަބުން، އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން ފާސްކުރި، އިންޑިއާއަށް މިނިވަންކަން ދިނުމާ ބެހޭ ޤާނޫނުގެ ދަށުން ޕާކިސްތާނާއި އިންޑިއާ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެންނެވެ. އެގޮތުން ޕާކިސްތާނުގެ މިނިވަން ދުވަހުގެ ގޮތުގައި 1947 ވަނަ އަހަރުގެ 14 ވަނަ ދުވަސް ހަމަޖެއްސި އިރު، އެ މަހުގެ 15 ވަނަ ދުވަހަކީ އިންޑިއާގެ މިނިވަންދުވަހުގެ ގޮތުގައި ކަނޑައެޅިއެވެ.