ޚަބަރު

އައު ރަންވޭގައި ފްލައިޓް ޖެއްސުމަށް އިކުއިޕްމެންޓް ހަރުކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި ތަރައްޤީކުރަމުން އަންނަ އައު ރަންވޭގައި ބޯޓު ޖެއްސުމަށް ބޭނުންކުރާ މުހިންމު ބައެއް ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ނިމުމާ ގާތްވެފައިވާކަމަށް އެއަރޕޯރޓް ހިންގާ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑުން ހާމަކޮށްފިއެވެ.

އެމް.އޭ.ސީ.އެލުން ބުނީ ވެލާނާ އިންޓަރނޭޝަނލް އެއަރޕޯރޓުގެ އައު ރަންވޭގައި ބޯޓް ޖެއްސުމަށްޓަކައި ޤާއިމުކުރަންޖެހޭ މުހިންމު ސިސްޓަމްތައް ކަމުގައިވާ، އިންސްޓްރޫމެންޓް ލޭންޑިންގް ސިސްޓަމާއި، ލޯކަލައިޒަރ އެންޓަނާ ހަރުކުރުމުގެ މަސައްކަތް ނިމުމާ ގާތްވެފައިވާކަމަށެވެ. މީގެ އިތުރުން ފްލައިޓްތައް ޖެއްސުމުގެކުރިން ހަދަންޖެހޭ އިކުއިޕްމެންޓް ޝެލްޓަރ ހެދުމުގެ މަސައްކަތްވެސް މިހާރު ނިމެން ކައިރިވެފައިވާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

އިންސްޓްރުމެންޓް ލޭންޑިންގް ސިސްޓަމަކީ މަތިންދާބޯޓް ރަންވޭގައި ރައްކާތެރި ކަމާއިއެކު ޖެއްސުމަށް އެހީތެރިވާ ނިޒާމެކެވެ. އަދި ލޯކަލައިޒަރ އެންޓަނާއަކީވެސް މަތިންދާ ބޯޑް ނެވިގޭޓް ކުރުމަށް ބޭނުންކުރާ އާލާތެކެވެ. މީގެ އިތުރުން އިކުއިޕްމެންޓް ޝެލްޓަރ ބޭނުންކުރަނީ ރަންވޭގައި ބޭނުންކުރާ ވައިގެ ދަތުރުފަތުރާ ގުޅުންހުރި އާލާތްތަކަށް ގެއްލުމެއް ނުލިބޭނެހެން ރައްކާތެރިކުރުމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ކުރިއަށްގެންދާ 1 ބިލިއަން ޑޮލަރުގެ މަޝްރޫޢަކީ ދިވެހިރާއްޖޭގައި މިވަގުތު ހިންގާ ތަރައްޤީ ގެ އެންމެ ބިޔަ އެއް މަޝްރޫޢެވެ. ވެލޭނާ އެއަރޕޯޓްގައި ތަރައްޤީކުރި އައު ރަންވޭގެ ފުޅާމިނުގައި 65 މީޓަރު ހުންނައިރު، ދިގު މިނުގައި 3400 މީޓަރު ހުންނާނެއެވެ.

ވެލާނާ އެއަރޕޯޓްގެ ރަންވޭ އެޅުމުގެ މަސައްކަތް ނިމުމާ ގާތްވެފައިވާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓެސްޓް ފްލައިޓްތައް ޖައްސަން ފަށާނެކަމަށް އެމް.އޭ.ސީ.އެލް އިން ބުނެއެވެ. އައު ރަންވޭއާއެކު އެއަރޕޯޓްގެ އޮޕަރޭޝަންތައް މިހާރަށްވުރެ އަވަސްވެގެންދާނެއެވެ.