ރައީސް ޔާމީންގެ ޒައާމަތުގައި ދިވެހިޤައުމަކީ ދިވެހިންގެ އިތުރުން މިޤައުމުގައި އުޅޭ ބިދޭސީންގެ އާބާދީއަށްވެސް ފާގަތި ތަނަކަށް ހައްދަވައިދެއްވާފައިވާކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރ ނާޘިމް މިހެން ވިދާޅުވީ ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން "ސެލެބްރޭޓް ޑައިވަރސިޓީ"ގެ ނަމުގައި ރާއްޖޭގައި އުޅޭ ބިދޭސީ އާބާދީއަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ފެއަރ ހުޅުއްވައިދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
ސެލެބްރޭޓް ޑައިވަރސިޓީ ފެއަރއަކީ ދިވެހި މުޖުތަމައުގައި އުޅޭ ބިދޭސީންގެ ހައްޤުތައް ރައްކާތެރިކޮށް، އެމީހުންނަށް މި މުޖުތަމަޢުން ލިބެންޖެހޭނެ ޚިދުމަތްތައް ޕްރޮމޯޓް ކުރުމަށްޓަކައި ކުރިއަށްގެންދާ ފެއަރއެކެވެ.
މި ފެއަރ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ދިވެހިރާއްޖޭގެ ހުރިހާ ދާއިރާއެއްގައިވެސް ބިދޭސީންގެ ދައުރު ބޮޑުކަމަށެވެ. އެގޮތުން ސިއްޙީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކުގައިވެސް ބިދޭސީންގެ ޚިއްސާ އޮތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ސެލެބްރޭޓް ޑައިވަރސިޓީ" ފެސްޓިވަލުގެ ތެރެއިން ޖެނެރަލް އަދި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތާއި ހަކުރުބައްޔާއި ލޭމައްޗަށް ދިއުން ފަދަ ބަލިތަކަށް ޓެސްޓުކޮށްދިނުމުގެ ޚިދުމަތް މުޅިން ހިލޭ ފޯރުކޮށްދީފައިވެއެވެ. އަދި މީގެ އިތުރުން ޓީބީ އަދި އެޗްއައިވީ އެއިޑްސް ފަދަ ބަލިަތަކާބެހޭ މަޢުލޫމާތު ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން ވަނީ ފޯރުކޮށްދީފައެވެ.
.
މި ފެއަރގައި ބައިވެރިވި ބިދޭސީން ބުނީ މިފެސްޓިވަލުގެ ސަބަބުން އެމީހުންނަކީ ދިވެހި މުޖުތަމައުގައި މުހިންމު ބައެއްކަން އިހުސާސްވާކަމަށެވެ. އަދި މިފަދަ އިތުރު ފެއަރތައް ބާއްވާނެކަމަށް އުންމީދުކުރާކަމަށް އެމީހުން ބުންޏެވެ. މި ފެއަރގެ ތެރެއިން ބަންގްލަދޭޝް، އިންޑިއާ އަދި ދިވެހި ބައެއް ފަންނާނުންގެ ފޯރިގަދަ ހަރަކާތްތަކެއް ވަނީ ހުށަހަޅާދީފައިވެއެވެ.