ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް، ހުށަހަޅަންޖެހޭ ރީ-ރެޖިސްޓްރޭޝަން ފޯމްތައް ބަލައިގަތުމުގެ ވަގުތު އިތުކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުގެ މެމްބަރު އަޙްމަދު އަކްރަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރީ-ރެޖިސްޓްރޭޝަނަށް އެދި ގިނަ އަދަދެއްގެ ފޯމްތައް އެއްފަހަރާ ހުށަހަޅަމުންދިއުމާ ގުޅިގެން ރީ-ރެޖިސްޓްރޭޝަން ފޯމްތައް ބަލައިގަންނަ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ.
"މިވަގުތާ ހަމައަށް 72،000 ފޯމް ރީރެޖިސްޓްރީ ކުރުމަށް ހުށަހެޅި، އަދި އިތުރު ފޯމްތައް ބަލްކުކޮށް ލިބެމުންދާތީ ފޯމް ބަލައިގަންނަ ވަގުތު މިރޭ 21:00 އަށް އަދި މާދަމޭ ރޭގެ ވަގުތު ބާރަ ޖަހަންދެން އިތުރުކޮށްފިން." އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ވޯޓްލުމަށް ރަޖިސްޓްރީވެފައިވާ ތަނުގެ މައްސަލައެއް އުޅޭނަމަ އެކަން އިސްލާހުކުރުމަށް މުއްދަތު ހަމަވާ ދުވަހުން ފެށިގެން އިތުރު ތިން ދުވަސް ދޭނެ ކަމަށެވެ.
އީސީއަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން 2000 ފޯމެއްގައި ޖަހާފައިވާ ފިންގާޕްރިންޓްގެ ޞައްހަކަން ކަށަވަރުކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާކަން ހާމަކުރައްވާ އަކްރަމް ވިދާޅުވީ، އޮޅުވާލައިގެން ފިންގާޕްރިންޓް ޖަހާފައިވާކަން ސާބިތުވެއްޖެނަމަ، އެ ފޯމެއް ބާތިލް ކުރާނެ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް، އެދޭ ފަރާތްތަކަށް ރީ-ރެޖިސްޓްރޭޝަން ވުމަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.