ޚަބަރު

1000 ޙައްޖު ކޯޓާގެ ތެރެއިން 100 ކޯޓާ އަމިއްލަ ދެ ޖަމާޢަތަކުން ވަނީ ނަގާފައި - މިނިސްޓަރ


ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ދީފައިވާ 1000 ޙައްޖު ކޯޓާގެ ތެރެއިން 100 ކޯޓާ ދެ ޙައްޖު ގްރޫޕަކުން ނަގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި ހައްޖަށްދާ ފަރާތްތަކާއި މިއަދު ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ ސަޢުދީން ދީފައިވާ 1000 ޙައްޖު ކޯޓާގެ ތެރެއިން 900 ކޯޓާ ދީފައިވަނީ ޙައްޖު ކޯޕަރޭޝަނަށް ކަމަށެވެ. އަދި ބާކީ އޮތް 100 ޙައްޖު ކޯޓާ ދީފައިވަނީ ޙަރަމައިން ޖަމާޢަތާއި ތަޒްކިޔާ ޙައްޖު ގުރޫޕަށް ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިއިން ކޮންމެ ޙައްޖު ގްރޫޕަކަށް 50 ޙައްޖު ކޯޓާ ވަނީ ދީފައެވެ.

"ޙައްޖު ކޯޕަރޭޝަންގެ އިތުރުން ހަތަރު ޖަމާޢަތަކަށް އަޅުގަނޑުމެން މި ދިނީ ހުއްދަ. އެ ޖަމާޢަތްތަކުގެ ތެރެއިން ދެ ޖަމާޢަތަކުން ފަހުން މި ލިބުނު ކޯޓާގައި މީހުން މި ގެންދަނީ. އެއިން ކޮންމެ ޖަމާޢަތަކުން 50 މީހުން މި ގެންދަނީ. އެހެންވީމަ ޖުމްލަ 100 ކޯޓާ މި ދިނީ އަމިއްލަ ކުންފުނިތަކަށް. އަޅުގަނޑުމެން ދިނީއެއް ނޫން. އެ ކުންފުނިތަކަށް ގެންދެވެނީ އެވަރަށް ކަމަށް އެބޭފުޅުން ވިދާޅުވެފައި ވާތީ އެގޮތަށް ދިނީ،" މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ޒިޔާދު ވިދާޅުވީ ސަޢުދީން ދީފައިވާ އިތުރު 1000 ކޯޓާގެ ދަށުން ޙައްޖަށްދާ މީހުން ޙައްޖަށް ދިއުމުގެ އިންތިޒާމްތައް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ހަމަޖެހޭނެ ކަމަށެވެ.
މިނިސްޓަރ ޒިޔާދު ވިދާޅުވީ ރާއްޖެއަށް އިތުރު އެއްހާސް ކޯޓާ ހަމަޖެހިގެން ދިއުމަކީ އިސްލާމީ ބޮޑެތި ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަ ވުމުގެ ހެއްކެއްކަމަށެވެ. އަދި ރައިސުލްޖުމްހޫރިއްޔާ ގެންދަވަނީ ދިވެހިންނަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ވީހާވެސް ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދެއްވުމުގެ މަސައްކަތް ކެނޑިނޭޅި ކުރައްވަމުންކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ޝައްކެއްނެތް ގޮތުގައި މިއީ ރައީސް ޔާމީން އިސްލާމްދީނާއި ޢަރަބި އިސްލާމީ ޤައުމުތަކާއި ބަހައްޓަވާ ގާތްކަމުގެ ނަތީޖާ ދިވެހިންނަށް މިއަދު ފެނިގެން މިދަނީ. ކުރިއަށް އޮތް ތަނުގައިވެސް ރައީސް ޔާމީންގެ ވެރިކަމުގައި އިރާދަކުރެއްވިއްޔާ ފެންނާނީ މިއަށްވުރެވެސް އުޖާލާ ކަންކަން،" މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ކުރިއަށްދަނީ ޙައްޖާޖީން ޙައްޖަށް ގެންދިޔުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކަމަށެވެ.