ޚަބަރު

ފަރުކޮއިގެ ސަބަބުން ފަރުތަކަށް އަޅާލާ ޢާއިލާއެއް އުފެދިއްޖެ - އެޑިއުކޭޝަން މިނިސްޓަރ


ފަރުކޮއި ޕްރޮޖްކްޓްގެ ސަބަބުން ރާއްޖޭގެ ކަނޑުތަކާއި ފަރުތަށް ޙިމާޔަތްކުރުމަށްޓަކައި ބޮޑެތިމަސައްްކަތްތަކެއް ކުރަންކެރޭ ޢާއިލާއެއް އުފެދިގެންގޮސްފައިވާކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ފަރުކޮއި އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ކިޔެވުމުގެ އޮނިގަނޑު އޮތްގޮތާޚިލާފަށް ދަރިވަރުން ޢަމަލީގޮތުން ތަޖުރިބާކޮށްގެން އުނގެނުމުގެ އޮނިގަނޑަކަށް މި އޮނިގަނޑު ބަދަލުކުރުމާއެކު އެކަމުގެ ފައިދާ ދަރިވަރުންގެ ނަތީޖާއިން ފެންނަމުންދާކަމަށެވެ.

ރާއްޖޭގެ ކަނޑު ފަރުތަކުގެ ދިރުން ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެތެރެއިން ކުރިއަށްގެންދާ ފަރުކޮއެ އެކްސްޕޯ ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރެވެ. ނެޝަނަލް އާޓް ގެލަރީގައި ކުރިއަށްގެންދާ ފަރުކޮއި އެކްސްޕޯގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލުތަކުންނާއި، ފަރުތަށް ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެއެވެ. މި އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު ހަރަކާތްތަކުގެ ޒަރިއްޔާއިން މައުލޫމާތުދެއެވެ.

އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވަނީ ފަރުކޮއި ޕްރޮޖެކްޓްގެ އޮފިޝަލް ވެބްސައިޓްވެސް ލޯންޗުކޮއްދެއްވާފައެވެ. އަދި މީގެއިތުރުން ކުޑަކުދިންގެ ހައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިޢިއްޔާ ޔުނިސެފާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ގްރޭޑް އެކެއްގެ ދަރިވަރުންނަށް ގިނަފަހަރަށް ބޭނުންކުރެވޭ ފުޅި ދިނުމަށް ހަމަޖެހިފައިވާކަން އިޢުލާނުކޮށްފައިވެއެވެ.

މި އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ ފަރުކޮއި ޕްރޮޖްކްޓްގެ ސަބަބުން ރާއްޖޭގެ ކަނޑުފަރުތަށް ޙިމާޔަތްކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ކެރޭ ޢާއިލާއެއް އުފެދިފައިވާކަމަށެވެ. މި އާއިލާއިން ކަނޑުފަރުތަށް ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ކޮންމެ ކުއްޖަކީވެސް ރީފް އެމްބެސެޑަރަކަށް ހަދައި، ފަރުތަކާއި މުރަކަތައް ޙިމާތްކުރުމަށް މަސައްކަތްކުރުމާއި، އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް ދަރިވަރުންނަށް ބާރުއަޅައި ޚާއްސަ ޙަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ރާވާފައިވެއެވެ.