ޚަބަރު

ރައީސް ޔާމީން، ކޫއްޑޫ މަސްވެރިންގެ މެރީނާ ހުޅުވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކޫއްޑޫ މަސްވެރިންގެ މެރީނާ މިއަދު ހުޅުވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޫއްޑޫ މަސްވެރިންގެ މެރީނާ ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ކޫއްޑޫގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިމެރީނާގައި މަސްވެރިންނަށް ބޭނުންވާނެ ހުރިހާ އާލާތްތަކެއް ލިބޭނެ ފިހާރައަކާއި، 4 ގެސްޓްރޫމާއި، ކެފޭއަކާއި، މިސްކިތެއްވެސް ހިމެނެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު ވަނީ މިސަރުކާރުން މަސްވެރިންގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް ފަހިކޮށްދެއްވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ކުރީގެ ސަރުކާރުތަކުގައި މަސްވެރިކަމުގެ ސިނާޢަތަށް ލިބުނު ހީނަރުކަމަށް ޝަހީރު އަލިއަޅުއްވާލެއްވިއެވެ.

ކުއްޑޫގައި ހުޅުވި މަސްވެރިންގެ މެރީނާއަކީ ރައީސް ޔާމީންގެ ސަރުކާރުގައި މަސްވެރިންނަށް ހުޅުވައިދެއްވި 2 ވަނަ މެރީނާއެވެ. އެސްޓީއޯއިން ބުނީ 3 ވަނަ މެރީނާ އައްޑޫ ސިޓީ ހުޅުމީދޫގައި ވަރަށް އަވަހަށް ހުޅުވިގެންދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގދ. މަޑަވެއްޔާއި، ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެދެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެ ދެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި އެމަނިކުފާނު ވަނީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ފައްޓަވައިދެއްވައިފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ގދ. ގައްދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އެރަށުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތައްވެސް ހުޅުއްވައިދެއްވައިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ހުވަދުއަތޮޅު އުތުރުބުރިއަށް ވަޑައިގެން އެއަތޮޅު ކޮނޑޭގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައި ދެއްވައި ކޮލަމާފުށީގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި އެރަށުގައި ޤާއިމްކޮށްފައިވާ ފެނުގެ ޚިދުމަތްވެސް ވަނީ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފައެވެ. މީގެއިތުރުން ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރައްވައި، ވިލިނގިލީގައި ހަދާފައިވާ ހައުސިންގ ޔުނިޓްތައްވެސް ހުޅުއްވައިދެއްވާފައިވެއެވެ.