ޚަބަރު

ތަރައްޤީގެ ވާހަކަ ދެއްކުމުން އިދިކޮޅު ފަރާތްތައް "އެލާޖިކް"ވޭ - ރައީސް


މި ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ފެނި އިދިކޮޅު ފަރާތްތަކަށް ހަނުހިމޭނުން ނުތިބެވޭނެ ކަމަށާ ރާއްޖެއަށް ލިބެމުންދާ ތަރައްޤީއާއި ކުރި އެރުން ފެނި އިދިކޮޅު ފަރާތްތަކުގެ ގައި ހިރުވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީގައި ރައީސް ޔާމީންގެ ސަރުކާރުން ޤާއިމްކުރި ނަރުދަމާ ނިޒާމާއި ފެނުގެ ޚިދުމަތް ދިނުން، ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމަށްފަހު، އެރަށު ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، މި ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ފެނި، އިދިކޮޅު ފަރާތްތަކަށް ހަނުހިމޭނުން ނުތިބެވޭނެ ކަމަށާއި، ރާއްޖެއަށް ލިބެމުންދާ ތަރައްޤީއާއި ކުރި އެރުން ފެނި އިދިކޮޅު ފަރާތްތަކުގެ ގައި ހިރުވާނެކަމަށެވެ.

"ތަރައްޤީގެ ވާހަކަ އިތުރަށް ދެއްކުމުގެ އެއްވެސް ބޭނުމެއްނެތް. އެއީ އިދިކޮޅު ފަރާތްތަކުން އެހާ ބޮޑަށް އަޑު އަހާހިތްވާ ވާހަކައަކަށް ނުވޭ. އަޅުގަނޑަށް ހީވަނީ ތަރައްޤީގެ ވާހަކަ އަޑު އިވުނީމާ އެފަރާތްތަކުގެ ގައި ހިރުވާކަހަލަ އިހުސާސްތަކެއް ކުރެވޭތީ އެވާހަކަތައް އަޑު އަހާކަށް ބޭނުމެއް ނުވާހެން."

ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި މި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ ތަފާސްހިސާބުތައް ކޮންމެ މީހަކަށް ނޭނގިދާނެ ކަމަށެވެ. އެހެންނަމަވެސް، ރައްވެހި ތަރައްޤީއާ ބެހޭ ފޮތާއި ރައީސް އޮފީހުގެ ވެބްސައިޓުން އެހުރިހާ މަޢުލޫމާތުތައް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރީގެ ސަރުކާރުތަކުން ރަށްރަށުގެ ތަރައްޤީއަށް ފައިސާ ހޭދަކުރި މިންވަރު އެލިޔެކިޔުންތަކުން ފެންނާނެ ކަމަށާއި، ހަމައެއާއެކު މި ސަރުކާރުން ރަށްރަށަށް ކޮށްފައިވާ ހޭދަވެސް ފެންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެއީ އިދިކޮޅު ފަރާތްތައް އެންމެ ބޮޑަށް އެލާޖިކްވާ މައްސަލައަކީ. އެ ފޮތް ބަލަންވެއްޖެޔާ އެ ފަރާތްތަކުގެ ގައި ހިރުވާނެ."

ރައީސް ވިދާޅުވިއެވެ.

ތަރައްޤީގެ މަޝްރޫޢުތައް އިދިކޮޅު ފަރާތްތަކުންވެސް އިޢުލާން ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، އެއަރޕޯޓު އެޅުމުގެ ވާހަކަތަކާއި، ރަށްތައް ގުޅުވައި ކޯޒްވޭ ހެދުމުގެ ވާހަކަވެސް ދައްކަމުންދާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، އެކަންކަމަށް ބޭނުންވާ ފައިސާ، އެފަރާތްތަކުން ހޯދާނީ ކިހިނެއްކަން ބުނެ ނުދެވޭކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ތަރައްޤީގެ ކަންކަން ކުރެވޭނީ ލޯނު ނަގައިގެން ކަމަށާ، އެހެންނަމަވެސް، އިދކޮޅުގައިތިބީ ރައީސް ޔާމީން، ލޯނު ނަންގަވައިގެން ތަރައްޤީ ގެނެސްދެއްވާތީ ފާޑުކީ ފަރާތްތައްކަމަށެވެ. އަދި އެކަންކަމަށް ފައިސާ ހޯދުމަށް އިދިކޮޅު ފަރާތްތަކަށް އޮތީ ދެ ގޮތެއް ކަމަށާއި ބޭރު ޤައުމުތަކުން ލޯނު ނަގައިގެން ތަރައްޤީ ގެންނަން ބޭނުން ނުވާނަމަ ދެން އެފަރާތްތަކަށް އޮތް ހަމައެކަނި ގޮތަކީ ރައީސް ޔާމީން ހޯއްދަވާފައިވާ، ޤައުމުގެ ހަރު މުދާ ވިއްކުންކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"މިހާރު ހަމަ ތަރައްޤީގެ މަޝްރޫޢުތައް ވިހާހެން ހީވަނީ. ކުކުޅު ބިސް އަޅާހެން ތަރައްޤީގެ ވާހަކަތައް، ކޮންމެ ދެ ރަށެއްގެ ދޭތެރޭގައި ބުރިޖު އަޅުއްވާވާހަކަ ނުވަތަ ފާލަން އަޅުއްވާ ވާހަކަ. އެހެންޏާ ކޯޒްވޭ އެއް އަޅުއްވާ ވާހަކަ."

ރައީސް ވިދާޅުވިއެވެ.

ރާއްޖެ ތަރައްޤީގެ ވިސްނުމުގެ މައްޗަށް ގެންގޮސްދިން ފަރާތަކީ އެމަނިކުފާނުކަމަށާ، ބުރިޖްތަކާ އެފަދަ އެހެން ތަންތަން ބިނާކުރެއްވީ އެހެންވެގެންކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ބުރިޖް މަތީގައި އަލަތު ކައިވެނިކުރަން ހުޅުވާލީ އެބަސަބަބާ ގުޅިގެންކަމަށާއި، އިދިކޮޅު ފިކުރުގެ ކުދިން އެތަނުގައި ކައިވެނި ކުރުމުން ވަރަށް އުފާފުޅު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.