ޚަބަރު

ދިވެހިބަހުން ޚިދުމަތް ލިބޭ މޯބައިލް އެޕެއް އުރީދޫން ތަޢާރަފްކޮށްފި


ދިވެހިބަހުން ޚިދުމަތް ލިބޭ މޮބައިލް އެޕްލިކޭޝަނެއް އުރީދޫ މޯލްޑިވްސްއިން ތަޢާރަފްކޮށްފިއެވެ.
ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިއެޕްލިކޭޝަން ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒްމ އަޒްލީން އަހުމަދުއެވެ.
އެޕްލިކޭޝަން އިފްތިތާޙު ކޮށްދެެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އުރީދޫއިން ރާއްޖޭގައި މުވާސަލާތީ ގުޅުމުގެ ހިދުމަތް ދޭން ފެށިފަހުން ދާއިރާއަށް އަންނަމުންދާ ކުރިއެރުންތައް ފާހަގަކުރެއްވިއެވެ. އަދި ޚިދުމަތުގެ އަގުހެޔޮވެ، އައު ޚިދުމަތްތައް ތަޢާރަފްވެގެންދިޔަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން ޓެކްނޮލޮޖީއާއެކު ދިވެހިބަހަށް އަންނަ ކުރިއެރުން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ދިވެހިބަހަށް ލިބެމުންދާ ކުރިއެރުމުގެ ތެރޭގައި، ހާއްސަ ގޮތެއްގައި ޓެކްނޮލޮޖީއަށް އެކުވެގެން މިދާ ސްޕީޑަށް ބަލާއިރު، ދިވެހި ބަސް މިއަދު މިވަނީ ޓެކްނޮލޮޖީއާ މިއަދު ވަރަށް ބޮޑަށް ރައްޓެހިވެފައި. އުރީދޫއަކީ ވޭތުވެދިޔަ 13 ވަރަކަށް އަހަރުގެ ތެރޭގައި ވަރަށް ތަފާތު ގޮތްގޮތުން ޤައުމަށް ހިދުމަތް ކުރަމުންދާ ކުންފުންޏެއް. އަދި އުރީދޫ މޯލްޑިވްސްއިން މިހާތަނަށް ކުރައްވާފައިވާ ކޮންމެ ކަމެއްގައި ވަރަށް ފަރުވާތެރިކަމާއެކު އަދި އެބޭފުޅުންނަކީ މިއިންޑަސްޓްރީއަށް ވަރަށް ވަރުގަދަ، އިންޤިލާބީ ބަދަލެއް ގެންނެވި ބައެއްކަން ދިވެހި ރައްޔިތުންނަށް އެގޭނެ."
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވީ ތަޢާރަފްވެގެންދިޔަ އެޕްލިކޭޝަނަކީ އެކުންފުނިން ރާއްޖޭގެ މުވާސަލާތީ ދާއިރާ ފުޅާކުރުމަށްކުރާ މަސައްކަތުގެ ތެރެއަށް އިތުރު އައު ހިދުމަތެއްކަމަށެވެ.
"މިހާރު އަޅުގަނމެންގެ ޑިޖިޓަލް ހިދުމަތްތަކަށް މި ގެނެވުނީ އައު ހިދުމަތެއް. އެއީ ޑިޖިޓަލް ހިދުމަތްތައް ދިވެހި ބަހުން ފޯރުކޮށްދިނުމުގެ ހިދުމަތް. މިއީ ވަރަށް މުހިންމުކަމެއްކަމަށް އުރީދޫއިން ދެކޭ. މިކަމުގެ ސަބަބުން އުރީދޫގެ ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް ވަރަށް ފަސޭހަވާނެކަން ޔަޤީން".
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވަނީ މިފަދަ ކަމެއް އިސްނަންގަވައިގެން ކުރިއަށްގެންދިޔަކަމަށްޓަކައި އުރީދޫ މޯލްޑިވްސްއަށް ޝުކުރު ދަންނަވާފައެވެ.
އަދި އެހެން ކުންފުނިތަކުންވެސް ދިވެހި ބަސް ކުރިއެރުވުމަށް މިފަދަ ކަންތައްތައް ކުރުމަށް އަޝްރަފު އެދިވަޑައިގެންނެވިއެވެ.
"ޓެލެކޮމިއުނިކޭޝަންގެ ތެރެއިން ނުވަތަ މުވާސަލާތީ ވަސީލަތުގެ ތެރެއިން ޓެކްނޮލޮޖީއާ، އަޅުގަނޑުމެންގެ މާދަރީބަސް ރައްޓެހިވެ، ނުވަތަ ފަހިވެގެން މިއަންނަ އައުމަކީ ދިވެހި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު އިޖުތިމާއީ ރައްކާތެރިކަމެކެވެ."
އުރީދޫއިން ނެރުނު އެޕްލިކޭޝަން މެދުވެރިކޮށް މޯބައިލް ނަންބަރާ ގުޅުން ހުރި އެކި ކަންކަމާ، އުރީދޫގެ އެންމެ ފަހުގެ ޕްރޮމޯޝަންތައް އަދި އެހެނިހެން މައުލޫމާތު ލިބޭނެއެވެ.
އުރީދޫ މޯލްޑިވްސްގެ ދިވެހި އެޕްލިކޭޝަނެއް ތަޢާރަފްކޮށްފައިވާއިރު ޑިޖިޓަލް އެޕްގެ އިނގިރޭސި ވާރޝަންއެއް މިހާރުވެސް އާންމުކޮށް ބޭނުންކުރަމުންދެއެވެ.