ޚަބަރު

މަޝްރޫޢުތަކުގެ އަގު ބޮޑު ވާހަކަ ދައްކާއިރު، މަޝްރޫޢުތައް ނިމޭލެއް އަވަސް ވާހަކަވެސް ދައްކަން ޖެހޭ- ރައީސް


ކޮންކްރީޓަކީ ވެސް ތަރައްޤީ ކަމަށާއި ނަމަވެސް މިއަދު ޤައުމުން މި ފެންނަ މަޝްރޫޢުތައް ފެނި އެވާހަކަ ދައްކަން މިއަދު އިދިކޮޅު ފަރާތްތައް ޖެހިލުންވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ހުވަދު އަތޮޅު އުތުރުބުރީ ކޮނޑޭގެ ބަނދަރު ހުޅުއްވައި ދެއްވުމަށްފަހު، އެރަށު ރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ މި ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ އަގު ބޮޑު ވާހަކައާއި ކޮންކްރީޓަކީ ތަރައްޤީ ނޫންކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ، އެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިމި ރައްޔިތުންނަށް އޭގެ ފައިދާ ކުރަމުންދާތީކަމަށެވެ.

ރައީސް ވިދާޅުވީ ކުރިންވެސް އަދި މިހާރުވެސް ތަރައްޤީގެ ވާހަކަ ދައްކަނީ ކޮންބައެއްކަން ހަނދާންނަށް ގެންނަން ޖެހޭ ކަމަށާ ތަރައްޤީ އަކީ ކޮންކްރީޓް ނޫންކަމަށް އިދިކޮޅު ފަރާތްތަކުން ބުނަން ފެށީ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ނިމެން ފެށީމަ ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން ވިދާޅުވީ ތަރައްޤީ އަކީ ކޮންކްރީޓެއް ނޫނޭ. ކޮންމެ ކަމަކަށް އޮލްޓަނޭޓިވް ނެރޭޓިވް ހޯއްދަވަން އުޅުއްވި ބޭފުޅުން އެހެން ވިދާޅުވަނީ. އަޅުގަނޑު ކޮންކްރީޓް ބޭނުން ނުކޮށް ކޮނޑޭ ބަނދަރު ހަދަން ރައްޔިތުން ބޭނުން ވާނެތޯ." ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އަގުބޮޑުކޮށް ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަނީ އެ މަޝްރޫޢުތައް ކުރިއަށްދާލެއް އަވަސް ކަމުން ކަމަށެވެ. ރައީސް ވިދާޅުވީ، ހުޅުމާލެ ތަރައްޤީ ކުރުމަށް ކުރިން 9 އަހަރު ހޭދަވި ކަމަށާއި، އެހެން ނަމަވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް ހޭދަކޮށްފައިވަނީ މަދު ދުވަސްކޮޅެއް ކަމަށެވެ. އެހެންކަމުން މަޝްރޫޢުތަކުގެ އަގު ބޮޑު ވާހަކަ ދައްކާއިރު މަޝްރޫޢުތައް ނިމޭލެއް އަވަސް ވާހަކަވެސް ދައްކަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

"ހުޅުމާލެ ފުރަތަމަ ފިޔަވަހި ތަރައްޤީ ކުރެވުނީ ނުވަ އަހަރުން. ނަމަވެސް ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކީ ނުވަ ހަފްތާ އިން. އެމަސައްކަތް ނުވަ އަހަރުން ކުރަން އަޅުގަނޑު ހުރިނަމަ ޚަރަދު ކުޑަކޮށް އަޅުގަނޑަށް ވެސް ކުރެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ އަގު ބޮޑުވީ އެތަން އަވަހަށް ނިންމުމަށް އެކަމަށް ޤާބިލް ކުންފުންޏަކަށް އެ މަޝްރޫއު ހަވާލު ކުރުމުން ކަމަށެވެ. އަދި އެއީ މި ސަރަހައްދުގައި ހުރި އެންމެ ފެންވަރު ރަނގަޅު އިމާރާތް ކަމަށާއި، އެފަދަ އިމާރާތެއްގެ ޑިޒައިނަށާއި މަރާމާތަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން ޚަރަދެއް ނުހިނގާ ބޮޑެތި މަޝްރޫއުތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮނޑޭގެ ރައްޔިތުންނަށް ތައުރީފް ކުރައްވާ ރައީސް ވިދާޅުވީ އެރަށަކީ ވަކި ފިކުރެއްގެ ރައްޔިތުން ތިބި ރަށެއް ނޫން ކަމަށެވެ. ރައިސް ވިދާޅުވީ ކޮންމެ ރަށަކަށް ވަޑައިގަތަސް އިވެނީ ތަރައްގީ ބޭނުންވާ ވާހަކަ ކަމަށާއި، ތަރައްގީ ނުކޮށް ޤައުމު ކުރިޔަކަށް ނުދާނެ ކަމަށެވެ. އަދި ތަރައްޤީ އަކީ ކުރަމުން އަންނަ ކަމެއް އެއަށްވުރެ މޮޅަށް ކުރުން ކަމަށާއި، އެކަމަށްޓަކައި އެ މަނިކުފާނުގެ މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަތާ އަހަރެއް ވެއްޖެ ކަމަަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.