ޚަބަރު

ސިއްޙީ ދާއިރާގައި ވާދަވެރިކަން އިތުރުވުމަކީ ލިބޭ ކުރިއެރުމެއް - ޗަންޕާ އަފީފް


ސިއްޙީ ދާއިރާއިން ރާއްޖެ ހޯދަމުންދާ ތަރައްޤިއާއިއެކު މިދާއިރާގެތެރޭގައި ވާދަވެރިކަން އުފެދިފައިވާކަމަށާއި، މިއީ ސިއްޙީ މިޒާމު މިހާ ބާރު ސްޕީޑްގައި ކުރިއަރައިގެން ދާއެއް ސަބަބުކަމަށް ޓްރީޓޮޕް ހޮސްޕިޓަލްގެ އެއް ޙިއްޞާދާރު ޗަންޕާ ޙުސެއިން އަފީފް ވިދާޅުވެއްޖެއެވެ.

"މައި ނޭޝަން، މައި ފިއުޗަރ" ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޓްރީޓޮޕް ހޮސްޕިޓަލަށް އިންވެސްޓްކުރި ކުންފުނިތަކުގެ ތެރޭގައި ހިެމެނޭ "ކްރައުން" ކޮމްޕެނީގެ ޗެއަރމަން ޗަމްޕާ ޙުސެއިން އަފީފް ވިދާޅުވީ ސިއްޙީ ދާއިރާގައި ވާދަވެރިކަން އުފެދުމަކީ އެދާއިރާ ތެރޭގައި އެއްވެސް މައްސަލައެއް އުފެދޭކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ސިއްޙީ ދާއިރާ މިހާރުވެސް އެހެން ހަރުފަތަކަށް ގެންގޮސްފައިވާކަމަށާއި، ދިވެހިން ސިއްޙީ ފަރުވާއަށް ބޭރު ޤައުމުތަކުގައި ހޭދަކުރާ ފައިސާ މަދުވުމަކީވެސް ރާއްޖޭގެ އިޤްތިޞާދަށް ލިބިގެންދާ ބޮޑު ކާމިޔާބީއެއްކަމަށެވެ.

އަފީފް ވަނީ ކުރިން ރައްޖޭގައި އެކި ދާއިރާތަކުން އިންވެސްޓްކޮށް، ވިޔަފާރި ފުޅާ ކުރުމަށް ހުރި ފުރުސަތުތައް ވަރަށް މަދުކަން ފާހަގަކުރައްވާފައެވެ. ނަމަވެސް މިހާރު ދުނިޔޭގެ މަޝްހޫރު ގިނަ ފްރެންޗައިސް ބްރޭންޑްތައް ރާއްޖެ އައުމަކީ އިންވެސްޓްމެންޓްތަކަށް ރާއްޖެ ހުޅުވިފައިވާ މިންވަރު ހާމަވެގެންދާ ކަމަށާއި، މިއީ ރާއްޖެ ތަރައްޤީވަމުން އަންނަކަމުގެ ހެއްކަމަށް އޭނާ ވިދާޅުވިއެވެ. މިކަންކަމުގެ ސަބަބުން މުޅި ދުނިޔޭގައިވެސް ރާއްޖެ އިތުރަށް މަޝްހޫރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަފީފް ވިދާޅުވީ މިހުރިހާ ކަމަކާއެކު "މޯލްޑިވްސް" މި ނަމަކީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑަކަށް ވެފައިވާކަމަށެވެ.

ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ޗަމްޕާ ޙުސެއިން އަފީފް ވަނީ ސަރުކާރާއި ޕްރައިވެޓް ސެކްޓަރ ގުޅިގެން ރާއްޖެ ތަރައްޤީކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަކީ ކުރިމަގަށް އަޅައިދޭ ބިންގަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.