ޚަބަރު

އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށްގެންދިޔަ ބަޔޯ ސޭފްޓީ ވަރކްޝޮޕް ނިންމާލައިފި


ބަޔޯ ސޭފްޓީއާއި ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށްގެންދިޔަ ވޯކްޝޮޕް ނިންމާލައިފިއެވެ. މިއީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާއެއްކަމަށް ކާރޓޭނާ ޕްރޮޓޮކޯލް އޮން ބަޔޯ ސޭފްޓީއާއި ގުޅޭގޮތް ކަމާ ގުޅުންހުރި ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ ވޯރކްޝޮޕެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ އެނަލިސްޓް ލިސާމާ ސަބްރީ ވިދާޅުވީ، މި ވޯކްޝޮޕްގައި ބަޔޯ ސޭފްޓީއާއި ގުޅޭ މަޢުލޫމާތު ހިއްސާކުރެވިފައިވާނެކަމަށެވެ. އެގޮތުން މަޢުލޫމާތު ހިއްސާކުރާ ޕޯޓަލްއެއްކަމަށްވާ ބަޔޯސޭފްޓީ ކުލިއަރިންގ ހައުސް ބޭނުންކުރާނެގޮތްތައްވެސް ބައިވެރިންނާ ހިއްސާކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ވޯކްޝޮޕްގައި އެކި މުވައްސަސާތަކުންނާއި، އަމިއްލަ ފަރާތްތައް ހިމެނޭގޮތުން ޖުމްލަ 20 ފަރާތެއް ބައިވެރިވެފައިވެއެވެ. މި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޕަރމަނަންޓް ސެކެޓްރީ އަޖްވަދު މުސްތަފާއެވެ.

ދެދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ވޯކްޝޮޕްގައި މަޢުލޫމާތުދީފައިވަނީ ޔޫއެން އެންވަޔަރަމަންޓްގެ ރީޖަނަލް އެޑްވައިޒަރއެކެވެ. ބަޔޯ ސޭފްޓީއަކީ ޑީއެންއޭ ޓްރާންސްފަރ ކޮށްގެން އުފައްދާ ލިވިންގ މޮޑިފައިޑް އޮރގޭނިޒަމްސް ގެންގުޅުމާއި މިފަދަ ތަކެތި އެއްޤައުމުން އަނެއް ޤައުމަށް ގެންދިއުމުގައި ދިމާވެދާނެ ކަންކަމުން އިންސާނާގެ ސިއްޙަތަށާއި، ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ކިޔާ ނަމެކެވެ.