ޚަބަރު

ވަޒީފާއިން މުސްކުޅިކުރާ ޢުމުރު މަތިކުރަން ޤާނޫނު އިޞްލާޙު ކުރާނަން - ރައީސް


ވަޒީފާއިން މުސްކުޅި ކުރާ ޢުމަރު މަތި ކުރުމަށް ޤާނޫނަށް އިޞްލާހު ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު ވަޒީފާއާ ބެހޭ ޤާނޫނުގައި މުސްކުޅި ކުރާ ޢުމުރު ކަމަށް ބަޔާންކޮށްފައިވަނީ 65 އަހަރު ކަމަށްވީ ނަމަވެސް އެ ޢުމުރަކީ އެމަނިކުފާނު މިހާރު ޤަބޫލުފުޅުކުރައްވާ ޢުމުރެއް ނޫންކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިހާރު އައިސްފައިވާ ބަދަލާއި ސިއްޙީ ހޭލުންތެރިކަމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ވަޒީފާއިން މުސްކުޅި ކުރާ ޢުމުރު ބަދަލު ކުރުމަށް ޤާނޫނު އިޞްލާހު ކުރަންޖެހޭ ކަމަށެވެ.

"ފަސްދޮޅަސް ފަސްއަހަރުވުން އެއީ އެއްގޮތަކަށްވެސް މީހުން މަސައްކަތް ނުކޮށް ތިބެންވީ ޢުމުރެއްކަމަކަށް އަޅުގަނޑު ނުދެކެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުން ކުރާނެ މަސައްކަތްތަކުގެ ތެރެއިން ކުރާނެ އެންމެ ފުރަތަމަ އެއް ކަމަކަށް މި ޢުމުރު ފުރައިގެ ދޮށީ ރައްޔިތުން ޢުމުރަށް ބަލާކަމަށްވާނަމަ ދޮށްޓެއް ނޫން، އެހެންނަމަވެސް ރިޓަޔަރ ކުރަންޖެހުނީމަ އެ ގިންތިއަށް އަންނާތީ ޢުމުރު ފުރައިގެ ބޭފުޅުންނޭ އަޅުގަނޑު މިދެންނެވީ. އިރާދަކުރެއްވިއްޔާ އެބޭފުޅުންގެ ޢުމުރު އަޅުގަނޑު ބަލާނަން ރިޓަޔަރ ކުރާ ޢުމުރު 74 އަހަރަށް ޖެއްސޭތޯ. މިއީ އަޅުގަނޑު މަޖިލިސް ތެރެއިން ކުރާނެ މަސައްކަތެއް،"

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިހާރު 65 އަހަރުވެގެން ވަޒީފާއިން މުސްކުޅި ކުރައްވާފައި ތިއްބެވި ބޭފުޅުންނަށްވެސް ސަރުކާރުން ގޮތްތަކެއް ކަނޑައަޅާނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ގއ. އާއި ގދ. އަތޮޅަކީ ފަތުރުވެރިކަމުގެ ނާރެހަކަށް ހައްދަވާނެކަމަށެވެ. އެހެންކަމުން ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި އަންނާނެ ދެ އަތޮޅަކަށް ސީޕްލޭން ބޭނުންވާނެކަމަށާ ސަރުކާރުގެ ވިސްނުމަކީ ގއ. އާއި ގދ.އަތޮޅުގައި ސީޕްލޭން ހަބެއް ޤާއިމްކުރައްވާނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ގއ.ވިލިނގިލި ކައިރީގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް އެޅުމަށް ބޭރުގެ ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ހުވަދުއަތޮޅަކީ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުންއަންނަ އަތޮޅެއްކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ކުރިއަށް އޮތް ފަސްއަހަރުގެ ތެރޭގައި މަސްވެރިންނަށް ރަނގަޅު ގޮތްތަކެއް ހަދައިދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން މަސްވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ ސަރަޙައްދުތަކުގައި އިތުރު އައިސްޕްލާންޓުތަކެއް ޤާއިމްކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަދައްކައިގެން އަޅުގަނޑުމެން ނިންމޭތޯ މި ބަލަނީ މަސްވެރި ދޯނި ފަހަރަށް ކްރެޑިޓް ނުވަތަ ޑެބިޓް ކާޑެއް ދޫކުރަން. އެ ކާޑްގެ ބޭނުން ހިފޭނެ ހަމަ ހުރިހާ ކަމެއް ކުރަން. އޭގެ މާނައަކީ އެ ކާޑުގެ ބޭނުން ހިފޭނޭ އެސްޓީއޯއިން ދޫކުރާ ތެޔޮ ގަންނަން ފައިސާ ނުދީ ތެޔޮ ގަނެވޭނެ އަދި މިތާ ހުންނަ ބޮޑެތި ފިހާރަތަކުން ކްރެޑިޓަށް މުދާ ނެގޭނެ. އެސްޓީއޯ ހުރިހާ ފިހާރައަކުން ކްރެޑިޓަށް މުދާ ނެގޭނެ،"

ކުރިއަށް އޮތް ފަސް އަހަރުދުވަހު މަސްވެރިންނަށް ކޮށްދެއްވާނެ ކަންތައްތައް އިޢުލާން ކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް މިހާރުވެސް ދިމާވާ އެންމެ ބޮޑު އެއް އުނދަގުލަކީ އެ ރަށްތަކުން ފައިސާ ނެގުން ދަތިވުން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މީހުން 2500އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އާބާދީތަކުގައި ބޭންކުގެ ޚިދުމަތް ޤާއިމް ކުރާނެ ކަމަށެވެ. އަދި 1000 މީހުން ދިރިއުޅޭ އާބާދީގެ ރަށްތަކުގައި އޭޓީއެމް ޤާއިމް ކުރާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.