ޚަބަރު

ހިޔާ އެކޮމްޕްލޮޝިޑް މަޝްރޫޢުގެ ދަށުން މާދަމާ ފޯމު ދޫކުރަނީ


ހިޔާ އެކޮމްޕްލިޝްޑް މަޝްރޫޢުގެ ދަށުން، ފްލެޓާއި، ގޯތި ހޯދަން ބޭނުންވާ ފަރާތްތަކަށް ފޯމް ދޫކުރުމުގެ ފުރުޞަތު މާދަމާ ހުޅުވާލާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
ބޯހިޔާވަހިކަމުގެ ކަމުގެ ދާއިރާއިން ސަރުކާރުން ޢިއުލާންކޮށްފައިވާ ބިޔަ މަޝްރޫޢު ''އެންމެނަށް ހިޔާ ކަށަވަރު'' މިމަޝްރޫޢުގެ ދަށުން ބިމާއި، ފްލެޓް ބޭނުންވާ ފަރާތްތަށް ފޯމް ދޫކުރުމުގެ ފުރުޞަތު މާދަމާއިން ފެށިގެން އަންނަ 2019 ވަނަ އަހަރުގެ ޖެނުއަރީ 31 ހަމަޔަށް ހުޅުވާލާފައިވާ ކަމަށެވެ.
މިމަޝްރޫޢުގެ ދަށުން ކ،ގުޅިފަޅު ހިއްކައިގެން ތަރައްޤީކުރާ ވިލިމާލޭ ފޭސް 2ގައި އެއްހާސް އަކަ ފޫޓްގެ ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކ.ފުށިދިއްގަރު ފަޅުހިއްކައިގެން ތަރައްޤީކުރާ ބިމުން އެއްހާސް އަކަ ފޫޓުގެ ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުގެ ދަށުން 82،000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިމަޝްރޫޢުގެ ދަށުން ދޫކުރާ ފޯމް ހައުސިންގ މިނިސްޓްރީގެ ވެބްސައިޓުންނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހެޑް އޮފީހުންނާއި ވެލާނާގެ ޕޯސްޓް ޝޮޕްއިން ލިބެން ހުންނާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ހިޔާ އެކްސްޕޯއިން 15 އޯގަސްޓް 2018 އިން 31 ޖެނުއަރީ 2019 އަށް ގެ ނިަޔަލަށް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
އުމުރުން 18 އަހަރު ފުރިފައިވާ، 1000 އަކަފޫޓު ގޯއްޗެއް ނުވަތަ ބިމެއް އަމިއްލަ ނަމުގައި ނުވަތަ ވާރުތަ މުދަލުގެ ތެރޭގައިވެސް ނުހިމެނޭ ކޮންމެ ދިވެހި ރައްޔިތަކަށްވެސް މި މަޝްރޫޢުގެ ދަށުން ފޯމް ހުށައެޅޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން ގުޅީފަޅުން 230 ހެކްޓަރު އަދި މާލޭ ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅުން 800 ހެކްޓަރު ހިމެނޭހެން ގާތްގަނޑަކަށް 1000 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ސަރުކާރުން ކުރިއަށް މިގެންދާ ބިޔަ މަޝްރޫޢާއެކު 2030 ވަނަ އަހަރު އަންނައިރު ބޯހިޔާވަހިކަން ކަށަވަރު ނުވާ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެކަމަށް ސަރުކާރުން ބުނެއެވެ.
މަޝްރޫޢު ނިމިގެންދާއިރު، މާލޭގެ ތޮއްޖެހުން އެތައް ގުނައެއް ކުޑަވެ، އިޤްތިޞާދީގޮތުންނާއި، ތަރައްޤީގެ ރޮނގުން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.