ޚަބަރު

ހައްޖު ކޯޕަރޭޝަންގެ ހައްޖާޖީންނަށް މަޢުލޫމާތުދޭ ބައްދަލުވުންތައް ފަށައިފި


ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު ޙައްޖަށްދާ ހައްޖާޖީންނަށް މަޢުލޫމާތުދޭ ބައްދަލުވުންތައް ފަށައިފި. މިއަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 600 މީހުން ހައްޖަށް ދިއުމައްވަނީ ހަމަޖެހިފައެވެ.

ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް މިފަހަރު ދީފައިވަނީ 1000 ޙައްޖު ކޯޓާއެވެ. މީގެތެރެއިން އެންމެ ގިނަ މީހުން ޙައްޖަށް ދަނީ ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައެވެ.
ހައްޖު ކޯޕަރޭޝަނުން މިއަހަރުގެ ޙައްޖުގެއަޅުކަން ހިންގާގޮތުގެ އެންމެ ފަހުގެ މަޢުލޫމަތު ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން އެކޮމިޝަންގެ އޮޕަރޭޝަންސް މެނޭޖަރ އަޙްމަދު އަސްލަމް ޢަބްދުﷲ ވިދާޅުވީ މިއަހަރު ޙައްޖަށްދާ ޙައްޖާޖީންނަށް މަޢުލޫމާތުދޭ ބައްދަލުވުންތައް އޮގްސްޓް މަހުގެ 5 އިން 7 އަށް ކުރިއަށްގެންދާކަމަށެވެ. އިސްލާމިކް ޔުނިވަރސިޓީގައި ކުރިއަށްދާ މި ސެޝަންތަކުގައި ހައްޖުގެ އަޅުކަމުގައި ވޭތުވެ ދިޔަ ތަނުގައި ކުރިމަތިވެފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް އެކި ދާއިރާތަކުގެ ތަޖުރިބާކާރުން މަޢުލޫމާތު ޙިއްސާކުރަމުންދާކަން އަސްލަމް ފާހަގަކުރެއްވިއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ދާ ޙައްޖާޖީންގެ ދަތުރަށް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކޮށް އަސްލަމް ވަނީ މިއަހަރު މަދީނާގެ ދަތުރު ހައްޖުކުރުމަށްފަހު ކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައިއެވެ. މިމޭރުމުން ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މި ބަދަލުނޫން އެހެން އެއްވެސް ބަދަލެއް ހައްޖުގެ ދަތުރަށް ނާންނަކަމަށާއި، ފުރުމުގެ ހަތަރު ގަޑިއިރުކުރިން ކޮންމެ ހައްޖާޖީއަކުވެސް އެއަރޕޯޓަށް އައުމަށް އިލްތިމާސްކުރާކަމަށެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް ޒައީ ގުރޫޕާއި، އަލްޙަރަމައިން ގުރޫޕްގެ އިތުރުން ސިސިލްފަރު ގުރޫޕްގެ ޙައްޖުވެރިން މިހާރުވަނީ މައްކާއަށް ގޮސްފައެވެ. ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހާއި 12 ވަނަ ދުވަހު ގައެވެ.