ޚަބަރު

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާބެހޭގޮތުން މަޝްވަރާ ކޮށްފި


ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާ ގުޅޭގޮތުން މަޝްވަރާކޮށް، ޚިޔާލު ހޯދުމަށް ކަމާބެހޭ މުއައްސަސާތަކާއި ޖަމިއްޔާތަކާއެކު ހިއުމަން ރައިޓްސް ކޮމިޝަނުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން އިންތިޒާމްކޮށްގެން ސަރުކާރުގެ ވުޒާރާތަކާއި، އަމިއްލަ ޖަމިއްޔާތަކަށް ބޭއްވި ބައްދަލްވުން ކުރިޔަށް ގެންދިޔައީ ބާޖަމާލުއްދީން ސްކޫލުގެ ހޯލްގައެވެ. މިބައްދަލްވުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާ ގުޅޭގޮތުން އެކި ވުޒާރާތަކާ، އަމިއްލަ ޖަމިއްޔާތައް ދެކޭ ގޮތް ދެނެގަނެ، މަޝްވަރާކުރުމަށް ބޭއްވި ބައްދަލްވުމެކެވެ.

މިބައްދަލްވުމުގެ މަޤުޞަދަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއެކު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤައުމީ ނިޒާމަށް އަންނާނެ ބަދަލުތަކާއި، ދިމާވެދާނެ ގޮންޖެހުންތަކާއި، އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދާ މިކަމާގުޅޭ މަޝްވަރާކުރުންކަމަށް އެޗް.އާރު.ސީ.އެމުން ބުނެއެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ އައު ބިލު މިހާރު އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މިބިލާގުޅޭގޮތުން ލަފަޔާއި އިރުޝާދު މަޖިލީހުގެ ކޮމިޓީއަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެޗްއާރުސީއެމްއިން ބުނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލަށް މިއަދު އޮތް ބައްދަލްވުމުގައި ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކުން ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށް، މުއައްސަސާތަކުގެ ލަފަޔާއެކު މަޖިލީހަށް ޚިޔާލު ހުށަހަޅާނެކަމަށެވެ.

މިބައްދަލްވުމުގައި ކުށްކުރާ ކުޑަކުދިންނަށް އަދަބު ދިނުމުގެ ކަންކަން ހަރުދަނާ ކުރުމާއި، ކުޑަކުދިންނަށް އަނިޔާކޮށް، އިހުމާލުވާ ފަރާތްތަކަށް ދެވޭ އަދަބުތައް އިތުރަށް ފުޅާކުރުމާއި، ވަކި މުއައްސަސާތަކުގެ ދައުރު ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

1991 ވަނަ ޤާއިމްކުރި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤަނޫނަކީ ގިނަ ބައިތަކެއް އުނި މުޅިން ފުރިހަމަ ނޫން ޤާނޫނެއްކަމުން، ކުޑަކުދިންގެ ޙައްޤުތައް އެންމެ އެކަށީގެންވާ ގޮތުގައި ކަށަވަރުކުރުމުގެ މަޤްސަދުގައި އައު ޤާނޫނެއް ފާސްކުރުމަށް ދަނީ ސަރުކާރުން، އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކުގެ ބައިވެރިވުމާއެކު ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެޗްއާރުސީއެމްއިން ބޭއްވި ބައްދަލްވުމުގައި އެރޓާނީ ޖެނެރަލް އޮފީހާއި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއި، މޯލްޑިވްސް ޕޮލިސް ސާރވިސްއާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، މިނިސްޓްރީ އޮފް ހެލްތްގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީ، އާރކް، އެމް.އޭ.ޕީ.ޑީ، ޔުނިސެފުން ބައިވެރިވެފައިވެއެވެ.