ޚަބަރު

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސަރަހައްދީ ސަލާމަތާ ބެހޭ މަޝްވަރާތަކެއް ބާއްވައިފި


ރާއްޖެއިން ޕާކިސްތާނަށް ކަޑައަޅާފައި ހުންނަވާ ސަފީރާއި ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފާ ދެމެދު ސަރަހައްދީ ސަލާމަތީ ކަންތައްތަކާ ބެހޭ މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފިއެވެ.

ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު ސަލީމާއި ޕާކިސްތާނުގެ ޗީފް އޮފް އާރމީ ސްޓާފް، ޤަމަރް ޖާވެދް ބަޖްވާއާ ދެމެދު ބޭއްވި މިމަޝްވަރާތައް ކުރިޔަށް ގެންދިޔައީ ޕާކިސްތާނުގެ ރާވަލްޕިންޑީގައި ހުންނަ އާރމީގެ ޖެނެރަލް ހެޑް ކުއަޓާޒްގައެވެ.

ޕާކިސްތާނުގެ އިންޓަރ-ސާރވިސަސް ޕަބްލިކް ރިލޭޝަންސްއިން ނެރެފައިވާ ބަޔާނެގައި ބުނެފައިވަނީ މިބައްދަލްވުމުގައި ދެޤައުމުގެ ދޭދޭ ގުޅުން ބަދަހިކުރުމާއި، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކޮށްފައިވާކަމަށެވެ. މިބައްދަލްވުމުގައި ސަފީރު އަޙްމަދު ސަލީމް ދެއްކެވި ވާހަކަފުޅުގައި ސަރަހައްދީ ފެންވަރުގައި ޓެރަރިޒަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި މިހަނގުރާމައިގައި ޕާކިސްތާނަށް ކުރިމަތިވާ ދަތިތަކާއި ވަމުންދާ ގުރުބާނީގެ މައްޗަށް ސަފީރު އަލިއަޅުއްވާލެއްވިއެވެ.

ޕާކިސްތާނާ ދިވެހިރާއްޖެއާދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. ސިޔާސީ ގުޅުން ޤާއިމުކުރި ފަހުން ޕާކިސްތާނުން ގެންދަނީ ދިވެހިރާއްޖެއާއެކު ގާތްގުޅުމެއް ބާއްވަމުންނެވެ. ޚާއްޞަކޮށް އަސްކަރީ ދާއިރާއާއި ސިއްޙީ ދާއިރާއިން ދިވެހިރާއްޖެއާ ޕާކިސްތާނާދެމެދު ވަނީ ގާތްގުޅުމެއް ޤާއިމުކޮށްފައެވެ.