ޚަބަރު

މާފަރު އެއާޕޯޓް ރަންވޭ ނިމި، އަންނަ ހަފްތާގައި ޓެސްޓު ފްލައިޓު ޖައްސަނީ


ނ. މާފަރުގައި ތަރައްޤީކުރާ އެއާރޕޯޓްގެ ރަންވޭގެ މަސައްކަތް ނިމި، އަންނަ ހަފްތާގައި ޓެސްޓު ފްލައިޓްތަ ޖައްސާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ސާމީ އަޤީލް ވިދާޅުވީ، މާފަރު އެއާޕޯޓުގައި އަޅާ ރަންވޭގެ މަސައްކަތް އިއްޔެ ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ރަންވޭގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކަމަށެވެ. ސާމީ ވިދާޅުވީ، ރަންވޭގައި ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ނިމި، އަންނަ ހަފްތާގައި ޓެސްޓު ފްލައިޓް ޖައްސާނެ ކަމަށެވެ.

މާފަރުގައި 2200 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީކުރަނީ ބައިނަލްއަޤްވާމީ ފެންވަރުގެ އެއާރޕޯޓެކެވެ. މި މަޝްރޫޢުގެ ދަށުން، ޕަސިންޖަރ ޓާރމިނަލާއެކު، ވީވީއައިޕީ ޓާރމިނަލަކާއި، ޖެޓް ޕާކިންގ ފެސިލިޓީސް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ.

އަބޫދާބީ ފަންޑުގެ ހިލޭ އެހީގައި އަޅާ މިއެއާޕޯޓަށް 60 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ.

ނ. މާފާރުގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ފެންވަރުގެ އެއާޕޯޓާއެކު، ފަންސަވީސް ހާސް މީހުންގެ އާބާދީއެއް އޮންނަ ނ. އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމު ފަސޭހަވެ، ވަޒީގެ ފުރުޞަތު އިތުރުވެ، ފަތުރުވެރިކަން ފުޅާވެ ކުރިއަރައިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މާފަރުގައި 1500 އެއްހާ މީހުން ދިރިއުޅެއެވެ.