ޚަބަރު

އެމް.ޑަބްލިއު.އެސް.ސީ ރީސައިކަލްސް މުބާރާތުގެ 1 ވަނައަށް ހުޅުދެލި ސްކޫލް


ތިމާވެށްޓަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް، މުޅި ރާއްޖެއަށް ހުޅުވާލައިގެން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ކުރިއަށްގެންދިޔަ، ރީސައިކަލްސް މުބާރާތުގެ އެއްވަނަ ސްކޫލަކަށް ހުޅުދެލި ސްކޫލު ހޮވިއްޖެއެވެ.

ދެ ކެޓެގަރީއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތަކީ "ރިވެތި ރާއްޖެ، މަގޭ ރާއްޖެ" މި ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގެ ކެޓެގަރީ އޭގައި 13 އަހަރުން ދަށާއި 17 އަހަރުން ދަށާއި 18 އަހަރުން މަތި އަދި ސްކޫލްތައް ހިމަނާފައިވާއިރު، ކެޓެގަރީ ބީ ޚާއްޞަ ކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.

މި މުބާރާތަށް ފައިސާގެ ބޮޑެތި އިނާމުތަކެއްވެސް ހުށަހަޅާފައިވެއެވެ. އެގޮތުން ކޮންމެ ގިންތިއަކުން އެއްވަނަ އަށް 20،000 ރުފިޔާ، ދެވަނަ އަށް 15،000 ރުފިޔާ އަދި ތިން ވަނައަށް 10،000 ރުފިޔާ ހުށަހަޅާފައިވާއިރު، ސްކޫލުތަކުގެ ކެޓެގަރީން އެއްވަނަ އަށް 40،000 ރުފިޔާ، ދެވަނަ އަށް 30،000 ރުފިޔާ އަދި ތިންވަނަ އަށް 20،000 ރުފިޔާ ހުށަހަޅާފައިވެއެވެ.

މި މުބާރާތުގެ އެއްވަަނަ ސްކޫލަކަށް ހުޅުދެލި ސްކޫލް ހޮވުނުއިރު، ދެވަނަ އަށް ހޮވިފައިވަނީ ޣާޒީ ސްކޫލެވެ. އަދި ތިންވަނަ ސްކޫލަކަށް ހޮވިފައި ވަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލެވެ. މި ސްކޫލްތަކަށް އިނާމްތައް ހަވާލުކޮށްދެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމްއެވެ.

މި މައުރަޒް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިއަހަރުގެ މައުރަޒުގެ އެކި ކެޓަގަރީތަކުން ވަނަވަނައަށް ދިޔަ ފަރާތްތަކަށާއި، ޖަޖުންނަށް ވަނީ އިނާމާއި ހަނދާނީލިޔުން ދީފައެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީތަކަކުންވެސް އިނާމުދީފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެންކުފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ސަހީލް ޖަލީލް ވިދާޅުވީ މިއަހަރުގެ މައުރަޒުގައި ބައިވެރިކޮށްފައިވާ ތަކެތީގެ އަދަދު މިދިޔަ އަހަރަށްވުރެ ދެގުނަ އިތުރުކަމަށެވެ. އަދި "ރިވެތި ރާއްޖެ، މަގޭ ރާއްޖެ" ކެމްޕެއިންގެ ދަށުން އިތުރު ގިނަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށެވެ.

މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްފައިވަނީ ދާއިރާގައި ތަޖުރިބާކާރު ބޭފުޅުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އަހުމަދު ޝުއައިބު، އިސްމާއިލް އާސިފް އަދި އަބްދުﷲ ނަޝާތެވެ.

ރީސައިކަލްސް މައުރަޒުގައި ބައިވެރިކޮށްފައިވަނީ ޕްލާސްޓިކް ފުޅި، ޕައިޕު، ޕީވީސީ، ޔޫޕީވީސީ، ޕްލާސްޓިކް ރެޕާ އަދި ކޮތަޅު، ޝްރިންކް ފިލްމް އަދި ޕޮލިމާއިން ތައްޔާރުކޮށްފައިވާ އުފެއްދުންތަކެވެ.

މިއަހަރުގެ މަރުރަޒުގައި ބައިވެރިކޮށްފައިވާ އުފެއްފެއްދުންތައް މިދިޔަ އަހަރާ އަޅާބަލާއިރު ފެންވަރު ރަނގަޅު ކަމަށާއި، ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިން ހުށަހަޅާފައިވާ އުފެއްދުންތައް މާ ބޮޑަށްވެސް ފުރިހަމަކަން ފަނޑިޔާރުން ވަނީ ފާހަގަ ކޮށްފައެވެ.