ވިޔަފާރި

ތެޔޮ ލީކުވި ހޮޅި މަރާމާތުކޮށް މޫދަށް އެޅުނު ތެޔޮތަށް ސާފުކުރަނީ- ސްޓެލްކޯ


 


 


ސްޓެލްކޯ މާލޭގެ އިންޖީނުގެއަށް ތެޔޮ ބަރުކުރާ ޕަންޕް ސްޓޭޝަނުން ތެޔޮ ފޮނުވާ ހޮޅިއަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެސަރަޙައްދުގެ މޫދަށް ތެޔޮ އެޅުނު ޙާދިސާއާއި ގުޅިގެން އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބޭނެ ގެއްލުން ކުޑަކޮށް، މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ސްޓެލްކޯއިން ހާމަކުރައްވައިފިއެވެ.


 
މި ޙާދިސާއާ ގުޅިގެން އެކުންފުނިން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، ތިމާވެއްޓަށް މިކަމުގެ ސަބަބުން ލިބޭނެ ގެއްލުންތައް ކުޑަކޮށް، މައްސަލަ ހައްލު ކުރުމަށް ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅުއްވާފައިވާކަމަށެވެ. އެގޮތުން، ހޮޅިން އިތުރަށް ތެޔޮ ލީކް ނުވާނޭހެން މަރާމާތުކޮށްފައިވާކަމަށާއި، މޫދަށް ލީކުވެފައިވާ ތެޔޮ އިތުރަށް ފެތުރިގެން ނުދާނޭހެން ޕްރޮޓަކްޝަން ޝީޓް ޖަހައި، މޫދަށް ލީކުވެފައިވާ ތެޔޮ ސާފުކުރުމަށް ޚާއްސަކޮށްފައިވާ ވަސީލަތްތައް ބޭނުންކޮށްގެން އެ މަސައްކަތް ކުރަމުންދާކަމަށްވެސް ވިދާޅުވެފައިވެއެވެ.


 
 


ސްޓެލްކޯއިން ވިދާޅުވީ އެކުންފުނިން ފޯރުވައިދޭ ޚިދުމަތެއް ފޯރުވައިދިނުމުގެ ތެރެއިން ދިމާވި މި ހާދިސާއަކީ އެފަރާތުން ކަންބޮޑުވާކަމެއް ކަމަށެވެ އަދި މިފަދަ ޙާދިސާއަކުން ތިމާވެއްޓަށާއި، އާންމު ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކާއި، ދަތިތަކުން ސަލާމަތްތެރިކަމާއިއެކު، ރައްކާތެރިކަން ހޯދައި ދިނުމަށް މިފަދަ ޙާދިސާއެއް ދިމާނުވާނޭހެން ކުރިއަށް އޮތްތަނުގައި ކުންފުނީގެ މަސައްކަތްތައް ރާއްވަވާ ހިންގެވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމަށްވެސް ސްޓެލްކޯގެ ބަޔާނުގައިވެއެވެ.