ޚަބަރު

އިބޫ އަކީ "މިނިވަނެއް ނޫން" - ޑރ. ޝަހީމް


އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެނޑިޑޭޓު އިބްރާހީމް މުޙައްމަދު ޞާލިޙަކީ "މިނިވަނެއް ނޫން"ކަމަށާ، ރައީސް ޔާމީންގެ ސުވާލުތަކަށް އިބޫއަށް ޖަވާބު ނުދެއްވޭނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގ މޭޓު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެެވެ.

ޕީއެސްއެމް ނިއުސްގެ "އެންމެ ފުރަތަމަ ޤައުމު" ޕްރޮގްރާމުގައި މިރޭ ވާހަކަފުޅުދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ އިދިކޮޅު ކެނޑިޑޭޓު އިބްރާހީމް މުޙައްމަދު ޞާލިހަކީ ވަކި ބޭފުޅަކަށް ވެރިކަން ހޯއްދަވައިދެއްވުމަށްޓަކައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅެއް ކަމަށެވެ. ޝަހީމް މިގޮތަށް ވިދާޅުވެފައިމިވަނީ ރޭ ދަރުބާރުގޭގައި ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލުކުރެއްވުމަށް ބޭއްވި ޙަފްލާގައި ރައީސް ޔާމީން އިބްރާހީމް މުޙައްމަދު ސޯލިހަށް ޢަމާޒު ކުރައްވާ ސުވާލުތަކެއް ކުރައްވާފައިވާތީ އެކަމަށް ޢިޝާރާތްކުރައްވައެވެ.

ރައީސް ޔާމީން އިބްރާހީމް މުޙައްމަދު ޞާލިހަށް ކުރެއްވި ސުވާލުތައް:
• ރާއްޖޭގެ ހަރު މުދާ ނުވިއްކާނެ ކަން ކަށަވަރު ކޮށްދޭންޖެހޭ.
• ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭރުގެ ބަޔަކަށް ވިއްކާލީ ކީއްވެތޯ؟ އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ޚަޒާނާ އަށް ލިބުނު އާމްދަނީ ކުޑަވި މައްސަލަ.
• އިސްލާމީ އުސޫލު ކިހާ ވަރުގަދަކޮށް ހިންގިދާނެތޯ؟
• މަރުގެ ހުކުމް ތަންފީޒު ކުރާނެތޯ؟
• އެމްޑީޕީގެ ވެރިކަމުގައި ކޮރަޕްޝަންގެ މައްސަލަަތައް ނުބެލި ސަބަބު.
• އެމްޑީޕީގެ ނުފޫޒާ އެކު ފެބްރުއަރީ 1 ގެ އަމުރު ސުޕްރީމް ކޯޓުން ނެރުނު ސަބަބު.
• ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކަނޑާލި ސަބަބު.
• ދައުލަތުގެ ބަޖެޓަށް ވޯޓު ނުދޭ ސަބަބު.
• ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެ ކަން ކަށަވަރު ކޮށްދިނުން.

ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނު އިބްރާހީމް މުޙައްމަދު ޞާލިހަށް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވަން ޖެހޭނީ ރައްޔިތުންގެ ކުރިމަތީގައި ކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީން އިބްރާހިމް މުޙައްމަދު ޞާލިހަށް އަމާޒު ކުރެއްވި އެއްވެސް ސުވާލަކަށް އެމަނިކުފާނަށް ޖަވާބު ނުދެއްވޭނެ ކަމަށެވެ. ސަބަބެއް ކަމަށް ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީން ކުރެއްވި ސުވާލުތައް އަމާޒުވާ އަސްލު ބޭފުޅަކު އެބަ ހުންނެވި ކަމަށެވެ.

"ޖަވާބުދާރީ ވާން ޖެހޭ ބޭފުޅާއެއް ނޫން އެއީ އޭނާ ދެކޭ ގޮތުގައި. އަސްލު މީހާ ނެތް އަދިއެއް. އެބޭފުޅާ އަކީ ދާއިމީ މީހެއް، އެބޭފުޅާއަށް ދާއިމީ ޖަވާބެއް ނުދެވޭނެ އެޔަކަށް،"

ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑޜ. ޝަހީމް ވިދާޅުވީ އިބްރާހީމް މުޙައްމަދު ސޯލިހް ރާއްޖޭގެ ވެރިކަމަށް އިންތިޚާބުވެއްޖެ ނަމަ 2012ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ހިނގާދިޔަ ކަންކަން އަލުން ތަޙްޤީގު ކުރާނެ ކަމަށެވެ. ޝަހީމް ވިދާޅުވީ އެ މައްސަލަ ތަޙްޤީގު ކުރުމަށްފަހު އިދިކޮޅު އެމްޑީޕީން ބާޣީންގެ ގޮތުގައި ސިފަކޮށްފައިވާ އެންމެނަށް އަދަބު ދޭނެ ކަމަށެވެ.

"ކެންޑިޑޭޓު ނުކުމެވަޑައިގެން ވިދާޅުވެބައްލަވާ ހަތެއް ފެބްރުއަރީ ތަހުގީގު ނުކުރާނަމޭ. ހަތެއް ފެބްރުއަރީ އެމީހުން ތަހުޤީގު ކުރާނެ. އަދި އެމީހުން ބާޣީންގެ ގޮތުގައި ސިފަ ކުރި އެންމެންގެ މައްސަލަތައް އަލުން ބަލާނެވެސްމެ. އެގޮތަށް ބަލާފައި އިތުރު 25 އަހަރަށް އެމީހުން ޖަލަށްލާނެވެސްމެ،"

ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ 7 ފެބްރުއަރީގައި ހިނގައިދިޔަ ކަންކަމުގައި އެމަނިކުފާނުގެ ޙިއްސާއެއް އޮންނަކަމަށް ބައެއް ފަރާތްތަކުން ދެކުނު ނަމަވެސް އެކަމުގައި އެއްވެސް ވަރަކަށް ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ.