ޚަބަރު

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މިއަދުވެސް އުދައަރާފާނެ - މެޓް


ދިވެހި ރާއްޖޭ ގެ ދެކުނު ގެ އަތޮޅުތަކަށް ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އުދައެރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މިއަދު ރާއްޖޭގެ ޞަރަޙައްދަށް ދިޔަވަރު ބޮޑުވާ ގަޑިތައް މޫސުމާއި ބެހޭ އިދާރާއިން މިހާރު އާއްމުކޮށްފައިވާއިރު، ރާއްޖޭ ގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިކަމުގައިވީ ނަމަވެސް، އެހެން ހިސާބުތަކުގައި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ އެންމެ ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުންނަމަ، އުތުރުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާނީ މިއަދު މެންދުރު 13:56 ގައެވެ. އަދި މެދުތެރޭގެ ރަށްތަކަށް 14:44 ގައި ދިޔަވަރު ބޮޑުވާނެކަމަށް ލަފާކުރާއިރު ދެކުނުގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާނީ މެންދުރުފަހު 15:17 ގައި ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެއެވެ.

މިއަދު ރާއްޖޭގެ މޫސުން ލަފާކުރާގޮތުން، ދެކުނު ގެ ހިސާބުތަކުގައި ހުޅަނގާއި ހުޅަނގު އިތުރުން ގަޑިއަކު 03 މޭލާއި 10 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. ރާއްޖޭގެ އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.