ޚަބަރު

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ބިލަށް މަދަނީ ޖަމްޢިއްޔާތަކުގެ މަޝްވަރާ ހޯދަނީ!


ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ބިލަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން އާރކުން މަދަނީ ޖަމްޢިއްޔާތަކުގެ މަޝްވަރާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އެގޮތުން މިއަދު އާރކުން ވަނީ ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ބިލަށް މަދަނީ ޖަމްޢިއްޔާތަކުގެ މަޝްވަރާ ހޯދުމަށް އާރކުން ބާއްވާ ބައްދަލުވުން ކުރިޔަށްގެންދިޔައީ ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑު، ޔުނިސެފްގެ އެހީތެރިމާއެކު، ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ. މިބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ބިލަށް މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުންކަމަށް އާރކުން މައުލޫމާތުދެއެވެ. އަދި މިބިލުގައި އެކުލެވޭ މަޢުލޫމާތު މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާ ޙިއްސާކުރުމާއެކު، ބިލު ދިރާސާ ކުރުމާއި ބިލަށް ޚިޔާލު ހުށަހެޅުމުގައި ހުރިހާ ފަރާތްތެއްގެ ބައިވެރިވުން ހިމެނުމުގެ ބޭނުމަކީވެސް މިބައްދަލުވުމުގެ އެއް ޢަމާޒެވެ.

އާރކުގެ މެނޭޖިންގ ޑިރެކްޓަރ މުރުތަޟާ މޫސާ ވިދާޅުވީ މިއީ އެއްފުރާޅެއްގެ ދަށަށް ކަމާ ގުޅުންހުރި މަދަނީ ޖަމްޢިއްޔާތައް ގެނެސް މި ބިލާ ބެހޭ މުހިންމު މަޝްވަރާތަކެއް ކުރުމަށް ލިބޭ ފަހި ފުރުޞަތެއްގެ ގޮތުގައި އެޖަމްޢިއްޔާއިން ދެކޭކަމަށެވެ. މިބައްދަލުވުމުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، މިންތީގެ ހަމަހަމަކަމަށް ނުވަތަ ޖެންޑަރ އީކުއަލިޓީއަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި، ނުކުޅެދުންތެރިންނަށް ހުންނަ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، އާއިލާތަކުގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި، މަސްތުވާތަކެތިން ކުޑަކުދިން ދުރުކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އިތުރުން ސިޔާސީ އަދި މަދަނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ބައިވެރިވެފައިވެއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލުގައި ހިމެނޭ ކަންކަމަށް ބަލާލާއިރު ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތް ވިލަރެސްކުރުމަށްޓަކައި "ޗައިލްޑް ޕްރޮޓެކްޝަން ކައުންސިލް" އެއް އުފެއްދުމުގެ އިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރެވޭ މިންވަރު ކަށަވަރުކުރުމަށް މިނިވަން ފަރާތެއްގެ ގޮތުގައި އޮމްބަޑްސްމަނެއް ޢައްޔަން ކުރުންހިމެނެއެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށް، ރައްކާތެރިކަން ބޭނުންވާ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ކުޑަކުދިންގެ މަސްލަޙަތު ކުރިއެރުވުމަށް "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް"ގެ ނަމުގައި މުއައްސަސާއެއް އުފެއްދުން ހިމެނެއެވެ.