ރިޕޯޓް

ހުވަދު އަތޮޅުން ރައީސް ޔާމީން ތަނަވަސް އަޣުލަބިއްޔަތެއް ހޯއްދަވާނެ - ޑރ. ޝަހީމް


ހުވަދު އަތޮޅުގެ ރައްޔިތުން ތިބީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބު ކުރަން ތައްޔާރަށްކަން، އެއަތޮޅަށް ކުރެއްވި ޒިޔާރަތުން ހާމަވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރަނިންމޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ޑރ.ޝަހީމް މިހެން ވިދާޅުވީ ހުވަދު އަތޮޅު އުތުރުބުރީގެ ރަށްތކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.

ރައީސް ޔާމީންގެ ރަނިން މޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ހުވަދު އަތޮޅު ދަތުރުފުޅު ފެށްޓެވީ އަތޮޅުގެ ވެރިކަންކުރާރަށް ވިލިނގިލިންނެވެ. އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ޑރ.ޝަހީމަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެއަށްފަހު ޑރ.ޝަހީމް ވަނީ ވިލިނގިލީގައި ދޮރުން ދޮރަށް ހިންގަވާ ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއި، އިސްރަށްވެހިންނާއި، މެދު އުމުރުގެ މީހުންނާއި ޒުވާނުންނާއި ބައްދަލު ކުރައްވާފައެވެ. އަދި ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކާއި އެކިއެކި މުއައްސަސާތަކާ ބައްދަލު ކުރައްވައި އެ ފަރާތްތަކުގެ އާދޭސްތައް އަޑު އައްސަވާފައެވެ.

ދެން ވަޑައިގެންނެވީ ކޮލަމާފުށްޓަށް. އެރަށުގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ޑރ.ޝަހީމް ވިދާޅުވީ ސަރުކާރު އިޞްލާޙު ކުރުމުގެ ނަމުގައި ބަޣާވާތް ކޮށްގެން ނުވަތަ ޤާނޫނާއި ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށާއި، ރާއްޖެއަކީ ބޭރު ޤައުމުތަކުން ލޯ އަޅަމުން އަންނަ ޤައުމަކަށްވީއިރު، އެފަދަ ޤައުމުތަކުގެ އެހީގައި ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުވުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުޅު ޤައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮލަމާފުއްޓަށްފަހު ޑރ.ޝަހީމް ދެއްވަދޫއަށް ވަޑައިގަތުމުން ފެނުނީ ތަފާތު މަންޒަރުތަކެކެވެ. އެގޮތުން ދެއްވަދޫގައި ދޮރުން ދޮރަށް ހިންގެވުމުގައި ސިޔާސީ ގޮތުން ފިކުރު ތަފާތު ފަރާތްތަކާއި ސިޔާސީ އެހެނިހެން ޕާޓީ ތަކުގެ ޖަގަހަތަކަށްވެސް ވަޑައިގަތެވެ. އަދި އެ މީހުންގެ އިހުސާސްތަކާއި ޝުއޫރުތައް އަޑު އައްސަވައި ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި އެއްމެން ގުޅިގެން އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެދި ވަޑައިގަތެވެ.

އަތޮޅުގައި އާބާދީގެ ގޮތުން އޮތް އެއްމެ ކުޑަ ރަށް، ކޮނޑޭއާއި ކަނޑު ހުޅުދޫއަށްވެސް ޑރ.ޝަހީމް ވަޑައިގަތެވެ. އެ ދެރަށުގެ ރައްޔިތުންނާއި ވަކިވަކިން ބައްދަލު ކުރައްވައި ވިދާޅުވީ ރައީސް ޔާމީނަކީ އިސްލާމް ދީންދެކެ ވަރަށް ބޮޑަށް ލޯބިފުޅުވާ ދީން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ވެރިއެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ރަނިން މޭޓްގެ މަޤާމް ޑރ.ޝަހީމަށް ދެއްވީ ދީނަށް ދެއްވާ އަހަމިއްޔަތުގެ ސަބަބުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ގެމަނަފުށީގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ޑރ.ޝަހީމް ވިދާޅުވީ ކުރިއަށް އޮތީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބާއްވާނެ އެންމެ ޚައްސާސް އިންތިޙާބަށް ވާނެ ކަމަށާ، އެހެންކަމުން އެއްމެން އެކަތިގަނޑަކަށްވެ އެކުގައި ނުކުމެ ރައީސް ޔާމީންގެ ދިދައިގެ ދަށުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ޑރ. ޝަހީމްގެ ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދާންދޫއާއި ނިލަންދޫއަށް ވަޑައިގެން އެ ދެރަށުގައި ވަނީ ޕީޕީއެމްގެ ޖަގަހަތައް ހުޅުވައި ދެއްވާފައެވެ. އެ ޖަގަހަތައް ހުޅުވައި ދެއްވުމަށްފަހު ޑރ. ޝަހީމް ވިދާޅުވީ އަމާޒަކަށް ވާން ޖެހޭނީ އެ ޖަގަހަތަކުގެ ބޭނުންކޮށްގެން ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޙާބު ކުރުން ކަމަށެވެ. މިއީ ޑރ.ޝަހީމް ހުޅުވައިދެއްވި ޕީޕީއެމްގެ ފުރަތަމަ ދެ ޖަގަހައެވެ. މި ދެރަށުގައިވެސް ޑރ.ޝަހީމް ވަނީ ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންގެ އަޑު އައްސަވައި އެކިއެކި ޢުމުރުފުރާތަކުގެ މީހުންނާއި ވަކިވަކިން ބައްދަލު ކުރައްވާފައެވެ.

ޑރ. ޝަހީމްގެ އުފަން އަތޮޅަށް ކުރެއްވި މި ދަތުރުފުޅަކީ ރަނިންމޭޓަކަށް ޢައްޔަންކުރެއްވުމަށްފަހު އެމަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މުޅި އަތޮޅުގެ ހުރިހާ ރަށަކުން ޑރ.ޝަހީމާއި އެމަނިކުފާނުގެ ޓީމަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވާއިރު، ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެން ޑރ.ޝަހީމް ވިދާޅުވީ ގއ.އަތޮޅުގެ ތަނަވަސް އަޣުލަބިއްޔަތު ރައީސް ޔާމީން ހޯއްދަވާނެ ކަމަށާއި، ރާއްޖޭގެ އެހެން ސަރަޙައްދުތަކުންވެސް ރައީސް ޔާމީނަށް ތަނަވަސް އަޣުލަބިއްޔަތެއް ލިބޭނެކަމަށެވެ. ގއ.އަށް ފަހު ދެން ޑރ.ޝަހީމް ވަޑައިގަތުމަށް ހަމޖެހިފައިވަނީ ރާއްޖޭގެ އެންމެ އުތުރުގެ ދެ އަތޮޅަށެވެ.