ޚަބަރު

ހެޕަޓައިޓިސް ބަލި ކޮންޓްރޯލްކުރަން ރާއްޖެއިން ކުރާ މަސައްކަތައް ޑަބްލިއުއެޗްއޯގެ ތަޢުރީފު


ރާއްޖޭގައި ހެޕަޓައިޓިސް ބަލި ކޮންޓްރޯލްކުރުމަށް ހެލްތް މިނިސްޓްރީއާ ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތައް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ކަޑައަޅާފައި ހުންނަ މަންދޫބު ޑރ އަރްވިންދު މާތޫރު ތަޢުރީފުކުރައްވައިފިއެވެ. ޑރ އަރްވިންދު މިކަމަށް ތަޢުރިފްކުރެއްވީ ދުނިޔޭގެ ހެޕަޓައިޓިސް ބަލީގެ ދުވަހާ ގުޅުވައިގެން ޑަބްލިއު އެޗްއޯގެ މާލެ އޮފީހުން ރާއްޖޭގެ ހެޕަޓައިޓިސްގެ ޙާލަތާބެހޭ ގޮތުން ޢާއްމުކުރި ބަޔާނެއްގައެވެ.

ހެޕަޓައިޓިސް ބައްޔަކީ ފުރަމޭ ދުޅަވެ، އެ ގުނަވަނުގެ މަސައްކަތްކުރުން ހުއްޓެން ދިމާވާފަދަ ގައިންގަޔަށް އަރާ ބައްޔެކެވެ. ހެޕަޓައިޓިސްގެ ފަސް ވައްތަރެއް ހުރެއެވެ. އެއީ ހެޕަޓައިޓިސް އޭ، ބީ، ސީ، ޑީ އަދި އީ.އޭއެވެ. މިއީ ވައިރަސް ނުވަތަ ބެކްޓީރިއާއެއްގެ ސަބަބުން ފުރަމޭގެ ޓިޝޫތަކަށް ގެއްލުންވެ ޖެހޭ ބައްޔެކެވެ. ނަޖިހުން ތަޣައްޔަރުވެފައިވާ ފެނާއި ކާނާ ބެނުންކުރުމަކީ މިބަލި ޖެހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ އާދަތަކެވެ.

ހެޕަޓައިޓިސް ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ރާއްޖޭއިން ކުރި މަސައްކަތުގެ ދަށުން 1993ވަނަ އަހަރު މިބައްޔަށް ޚާއްޞަ ވެކްސިން ދޭން ފެށިއެވެ. އެގޮތުން، ހެޕަޓައިޓިސްއާ ދެކޮޅަށް ރާއްޖޭގެ އާބާދީގެ 95 އިންސައްތައަށް ހެޕަޓައިޓިސް ވެކްސިންދެމުން އަންނަކަން ފާހަގަކުރެވެއެެވެ. އުމުރުން 25 އަހަރުން ދަށުގެ މީހުންގެ ގައިން މިހާރު ހެޕަޓައިޓިސް ބަލި ނުފެންނަކަން މިއީ ވެކްސިން ދިނުމުގެ ނަތީޖާގެ ގޮތުގައި ޞިއްހީ އިދާރާތަކުން ފާހަގަކުރެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޞިއްހީ ޚިދުމަތްދޭ 91 ތަނެއްގައި ހެޕަޓައިޓިސްއަށް ޓެސްޓްކުރުމުގެ ވަޞީލަތްތައް ވަނީ ޤާއިމުކުރެވިފައެވެ.

ކޮންމެ އަހަރަކު 28 ޖުލައިގައި ފާހަގަކުރާ ވޯލްޑް ހެޕަޓައިޓިސް ބަލީގެ ދުވަހާ ގުޅުވައިގެން ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ރާއްޖެއަށް ކަޑައަޅާފައި ހުންނަ މަންދޫބު ޑރ އަރްވިންދު މާތޫރު ވަނީ ރާއްޖެއިން ހެޕަޓައިޓިސް ނައްތާލުމަށް ކަނޑައާޅާފައިވާ ސިޔާސަތުތަކާ ކުރަމުންދާ މަސައްކަތައް ތަޢުރީފު ކުރައްވާފައެވެ. މިމޭރުމުން ޑރ މާތުރު ވިދާޅުވީ ރާއްޖޭގެ ހެލްތު މިނިސްޓްރީއާ ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން ހެޕަޓައިޓިސް ބަލި ކޮންޓްރޯލްކުރުމަށް ގިނަ މަސައްކަތްތަކެއް ކަމިޔާބުކަމާއެކު ކުރަމުންދާކަމަށެވެ.

އަދި މުޅި ޤައުމަށް ޔުނިވަރސަލް ހެލްތް ކަވަރޭޖް ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހެޕަޓައިޓިސްއަށް ޓެސްޓުކުރުމާ، ފަރުވާދިނުމަށް ކުރާ މަސައްކަތް ހަރުދަނާވެފައިވާކަން ޑރ މާތުރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ހެޕަޓައިޓިސް ބަލި ފެތުރުމުގެ ބިރު ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިކަމަށް ޙައްލުހޯދުމަށް ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިޔަށް ގެންދިއުމަށް ޑަބްލިއުއެޗްއޯގެ މަންދޫބު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިބަލި ފެތުރޭ ފަރާތްތައް މޮނިޓަރކޮށް، ރާއްޖެއަށް އެތެރެވާ ފަރާތްތަކުގެ މެދުގައި ސަރވައިލަންސްގެ މަސައްކަތް ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް ޑަބްލިއުއެޗްއޯގެ ބަޔާނުގައި އަލިއަޅުވާލާފައިވެއެވެ. އަދި މިކަމުގައި ހުރިހާ ފަރާތްތަކެއް އެކުގައި މަސައްކަތްކުރުމަށާއި، ހެޕަޓައިޓިސްއަށް ބޭނުންވާ ބޭސް ލިބުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް ސަމާލުވުމަށް ޑަބްލިއުއެޗްއޯއިން ވަނީ ގޮވާލާފައެވެ.

ރާއްޖޭގައި ހެޕަޓައިޓިސް ކޮންޓްރޯލް ކުރެވިފައިވީނަމަވެސް، ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި މިބަލި ކޮންމެސްވަރަކަށް ފެންނަމުންދެއެވެ. 2017ވަނަ އަހަރު އެކަނިވެސް ރާއްޖެއަށް އެތެރެވި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 513 މީހުން ހެޕަޓައިޓިސް ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެމީހުންގެ މެޑިކަލް ޓެސްޓުތަކުން ވަނީ ދެނެގަނެވިފައެވެ.

ހެޕަޓައިޓިސް ކޮންޓްރޯލްކޮށް ނައްތާލުމަށް ކުރެވިދާނެ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި، ނަރުދަމާގެ ނިޒާމު ޤާއިމުކޮށްފައި ހުރުން ހިމެނެއެވެ. އަދި ޢާންމު ސާފުތާހިރުކަން އިތުރުކޮށް، ކާބޯތަކެތި ތައްޔާރުކޮށް، ބޭނުންކުރުމުގައި ސާފުތާހިރުކަމަށް ސަމާލުވުން މުހިންމެވެ.

ދެކުނު އިރުމަތީ އޭޝިޔާގައި ހެޕަޓައިޓިސް ޖެހިފައިވާ 50 މިލިއަން މިހުންތިބިކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.