ޚަބަރު

ގްލޯބަލް ނިއުސް ފޯރަމް 2018 - މީޑިއާގެ ދައުރު ފުޅާކުރުމަށް އިތުރު ބާރެއް


ގްލޯބަލް ނިއުސް ފޯރަމަކީ ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީޑިއާގެ އިސްފަރާތްތަކުން އެއްތަނަކަށް އެއްވެ މީޑިއާގެ ދައުރު ފުޅާ ކުރުމަށް ބާއްވާ އެންމެ ބޮޑު އެއް މަޝްވަރާ ބައްދަލުވުމެވެ. އެގޮތުން މި މަހުގެ 24 ހުން 25 ހަށް ވިއެޓްނާމްގައި މިވަނީ 34 ޤައުމެއްގެ މީޑިއާގެ ބައިވެރިވުމާއިއެކު ގްލޯބަލް ނިއުސް ފޯރަމް 2018 ނިންމާލާފައެވެ.

އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިންގް ޔޫނިއަން (އޭބީޔޫ) އާއި ވިއެޓްނާމުގެ ޤައުމީ ޓީވީ ވިއެޓްނާމް ޓެލެވިޜަން (ވީޓީވީ)ގުޅިގެން ވިއެޓްނާމުގެ ހޯޗީ މިން ސިޓީގައި ހަތަރުވަނަ ގްލޯބަލް ނިއުސް ފޯރަމް ނިންމާލާފައިވާއިރު މިފަހަރުގެ ކޮންފަރެންސްގައި ވަނީ ޖުމުލަ ހަތް ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިޒަމާނުގައި މާސް މީޑިއާގެ މުހިންމުކަމާއި، ދޮގު ޚަބަރު ދެނެގަންނާނެ ގޮތްތަކާއި، ޤައުމީ ނިއުސް ރޫމްތަކަށް ޒަމާނާއެކު ގެންނަން ޖެހޭ ބަދަލުތަކާއި މެދު ފުޅާ ދާއިރާއެއްގައި މި ސެޝަންތަކުގައި މަޝްވަރާކޮށްފައިވެއެވެ. އެގޮތުން މިއިން ކޮންމެ ސެޝަނެއްގައިވެސް 3 ޕެނަލިސްޓުންނާއި މޮޑަރޭޓަރެއް ހުށަހަޅައިދީފައިވާއިރު ކޮންމެ ޕެނަލިސްޓެއްވެސް އެ ފަރާތަކުން އެމައުޟޫއާ މެދު ދެކޭގޮތް ޕްރެސެންޓޭޝަންއެއްގެ ޒަރިއްޔާއިން ދައްކާލާފައިވެއެވެ.

މި ފޯރަމް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން އޭބީޔޫގެ ސެކްރެޓަރީ ޖެނެރަލް ޖަވާދު މުއްތަޤީ ވިދާޅުވީ މިފަދަ ފޯރަމުތަކުގެ ސަބަބުން މީޑިއާގެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭނެ މަސައްކަތްތަކަށް އިތުރު ބާރަކަށް ވެގެންދާކަމަށެވެ. އެގޮތުން ދެކުނު ކޮރެއާގެ ސޯލްގައި 2013 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބޭއްވި ގްލޯބަލް ނިއުސް ފޯރަމާއި މިފަހަރުގެ ނިއުސް ފޯރަމްގައި ބައިވެރިންގެ ބައިވެރިވުމާއި އެއްބާރުލުން އިތުރުވުމުން މި ޢަމާޒަށް ވާޞިލުވުމަށްޓަކައި އިތުރު ފަސޭހަތަކެއް ލިބިގެން ދިޔަކަން ސެކްރެޓަރީ ޖެނެރަލް ފާހަގަކުރެއްވިއެވެ. ޒަމާނަށް އައި ބަދަލުތަކާއެކު ކުޑަ ވަގުތުކޮޅެއްގައި އެއް ޒަމާނެއްގައި ބްރޯޑްކާސްޓްކުރި ޓީވީ އަދި ރޭޑިއޯ ޗެނަލްތައް މިއަދު 24 ގަޑިއިރު ހުއްޓުމެއް ނެތި ހިނގަމުންދާ ޗެނަލްތަކަކަށް ބަދަލުވެފައިވާކަން ފާހަގަކުރައްވާ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ޔޫރަޕުގެ މައި މީޑިއާތަކާއި އެއް ހަމައެއްގައި މިއަދު އޭޝިއާގެ ބްރޯޑްކާސްޓަރުންވެސް ފައިހަމަކޮށްފައިވާކަމަށެވެ.

ގްލޯބަލް ނިއުސް ފޯރަމް ބޭއްވުމުގެ ކުރިން އޭބީޔޫގެ 2018 ވަނަ އަހަރުގެ ގްރޫޕް މީޓިންވެސް ވަނީ ބާއްވާފައެވެ. އެގޮތުން މި މީޓިންގައި އޭވީއެންގެ ފޭސްބުކް ޕޭޖާއި، އޭވީއެން 2017 އަދި 2018 ވަނަ އަހަރުގެ މާލީ ޚަރަދުތައްވެސް ވަނީ ފާސްކޮށްފެއެވެ.
ގްލޯބަލް ނިއުސް ފޯރަމް ނިންމާލުމުގެ ގޮތުން މި ފޯރަމުގެ ބައިވެރިން ވަނީ ވިއެޓްނާމާއި އެމެރިކާއާއި ކުރި ހަނގުރާމައިގައި ވިއެޓްނާމުގެ ރައްޔިތުން ރައްކާތެރިކަން ހޯދަން ވަން ކޫޗީ ޓަނެލްތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް ދީފައެވެ. އެގޮތުން އެދުވަސްވަރު ވިއެޓްނާމުގެ ރައްޔިތުންނާއި ސިފައިން ޙަމަލާތަކުން ސަލާމާތް ވާން ގެންގުޅުނު އުކުޅުތަށް މި ފޯރަމުގެ ބައިވެރިންނަށް ވަނީ ދައްކާލާފައެވެ.