ޚަބަރު

އިސްލާމިކް ފައިނޭންސް ކުރިއެރުވުމުގައި އެންމެ ކާމިޔާބު ބޭފުޅަކީ ރައީސް ޔާމީން - އެމްސީއައިއެފް


ރާއްޖޭގެ ވެރިކަންކުރެއްވި ބޭފުޅުންގެ ތެރެއިން އިސްލާމީ އުޞޫލުތަށް ކުރިއެރުވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާ، އެންމެ ބޮޑެތި ކާމިޔާބީތައް ހާސިލްކުރެއްވި ބޭފުޅަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްކަމަށް މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް، އެމްސީއައިއެފް އިން ބުނެފިއެވެ.

ފީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސްގެ ވައިސް ރެކްޓަރ ހިޝާން ސަޢީދު ވިދާޅުވީ، އިސްލާމިކް ފިނޭންސްގެ ހަބަކަށް ރާއްޖެ ހެދުމަށް، ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި އެމްސީއައިއެފްއިން ކޮށްފައިވާ މަސައްކަތުން، ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ އިސްލާމީ އުޞޫލުތަކާއި މިދާއިރާއިން ހޯދާފައިވާ ކާމިޔާބީތައް ހާމާވާކަމަށެވެ. އަދި އިސްލާމިކް އިކޮނިމީއެއް ޤާއިމުކުރުމަށްޓަކާ ތަފާތު ގިނަ މަސައްކަތު ބައްދަލުވުންތަކާއި ބައިނަލްއަޤުވާމީ ކޮންފަރެންސްތައް ވޭތުވެދިޔަ 4 ވަރަކަށް އަހަރުގެ ތެރޭގައި ބާއްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަދައްކަވަމުން ހިޝާމް ވިދާޅުވީ 2017 ވަނަ އަހަރު އިސްލާމިކް މޮނިޓަރީ އިކޮނޮމިކްސްއާއިބެހޭ ގޮތުން ބޭއްވި ބައިނަލްއަޤުވާމީ ކޮންފަރެންސްއިންވެސް މިދާއިރާގައި މަސައްކަތްކުރާ ދިވެހިންނަށް ގިނަ މަޢުލޫމާތު ލިބުނުކަމަށެވެ.

ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ ފުޅާކޮށް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ، ހިޝާން ވިދާޅުވީ މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސްގެ ދަށުން ހިންގާ ސައުތު އޭޝިއަން އިންސްޓިޓިއުޓް ފޯ އިސްލާމިކް ފައިނޭންސުން، ސަރުކާރުގެ މިސިޔާސަތު ތަންފީޒުކުރުމަށް މަސައްކަތްކުރަމުން ދާކަމަށެވެ. އެގޮތުން މިހާރުވެސް އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ތަމްރީންތައް ހިންގާ ފަރާތްތަކާއި ގުޅިގެން ޑިޕްލޮމާ ފެންވަރުގެ ކޯސްތަކާއި ތަމްރީންތައް ހިންގަމުން ދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މިދާއިރާގެ މަޢުލޫމާތު ފެތުރުމަށް، އިސްލާމިކް ފައިނޭންސްއާ ގުޅޭ ތަފާތު ޕްރޮގްރާމްތައް އުފައްދާ ދެއްކުމަށް ޕީއެސްއެމްއާއި ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި މިދާއިރާއިން ދިރާސާތައް ހެދުމާއި، ދާއިރާއާއި ގުޅުންހުރި ހޯދުންތަކުގެ އަލީގައި، މި ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރުން ހިމެނެއެވެ.