ޚަބަރު

ކުލަވަރުގެ އެންމެ މޮޅު ޑްރާމާއަކަށް އިމިގްރޭޝަންގެ "ނެތިފަނާ"


ދިވެހިރާއްޖޭގެ އަޑުގެ ހަވަނަ ރޭޑިއޯ ޑްރާމާ މުބާރާތް "ކުލަވަރު 2"ގެ އެންމެ މޮޅު ޑްރާމާއަކަށް މޯލްޑިވްސް އިމިގްރޭޝަންގެ "ނެތިފަނާ" ޑްރާމާ ހޮވިއްޖެއެވެ. މި މުބާރާތުގެ އެއްވަނަ ކަނޑައަޅާފައިވަނީ ޖަޖުންގެ 65 އިންސައްތަ މާކުސް އާއި އެހުންތެރިންނަށް ހުޅުވާލި ފުރުސަތުގައި އެފަރާތުގެ އެސްއެސްއެމް އިން 35 އިންސައްތަ މާކުސް ހިމަނައިގެންނެވެ.

ދިވެހިރާއްޖޭގެ އަޑުގެ ހަވަނަ ރޭޑިއޯ ޑްރާމާ މުބާރާތް "ކުލަވަރު 2" ގައި ފަނޑިޔާރުންކަން ކޮށްދެއްވާފައިވަނީ ރޭޑިއޯގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި އަދި ރޭޑިއޯ އެތައް ޑްރާމާއެއް ގައި މަސައްކަތްކުރައްވާފައވާ ހަފްސާ ޢަލީއާއި، މަޝްހޫރު ވާހަކަލިޔުންތރިޔާ އަދި ސްކްރިޕްޓް ރައިޓަރ މަހުދީ އަހުމަދާއި މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ރަވީ ފާރޫގުއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ހަވަނަ ރޭޑިއޯ ޑްރާމާ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅޫ ދައްކަަމުން އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވީ، ޑްރާމާގެ ފަންނު ދިރުވާ އާލާކޮށް ދިރުވުމަކީ އަދަބިއްޔާތަށް ކޮށްދެވޭ އެންމެ މަތިވެރި އެއް ޚިދުމަތް ކަމަށާއި ޑްރާމާއަކީ އަދަބިއްޔާތުގެ އެންމެ މުހިންމު އެއް ފަންނު ކަމަށެވެ.

"ޑްރާމާއިން ދަސްކޮށްދެނީ ހަމައެކަނި އަދަބިއްޔާތެއް ނޫން. އެއީ މުޅި ދިރިއުޅުން ތަމްސީލްކޮށްދޭ ކަމެއް. އެއިން އަޅުގަނޑުމެންނަށް ހިކުމަތްތެރި އެތަކެއް މެސެޖުތަކެއް ލިބޭ. އަޅުގަނޑުމެންނަށް މުނިފޫހިކަން ލިއްބައިދޭ." ޢަބްދުލްއަޒީޒް ޖަމާލް ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ޕަބްލިސް ސާވިސްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު މުޙައްމަދު އިކްރާމް އަބްދުއްލަތީފް ވިދާޅުވީ، ޑްރާމާއަކީ އިންސާނާގެ ދުވަހުގެ ގުޅުމާއި ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެއް ކަމަށެވެ.

އިންސާނުންނަށް އެމީހުން އުޅުމާއި އާދަތައް ދަސްވެގެން އައިސްފައިވަނީ ޑްރާމާތަކުން ކަން ފާހަގަކުރައްވަމުން އިކްރާމް ވިދާޅުވީ އިންސާނުން މަރުވުމުން ކަންކުރަންވީ ގޮތްވެސް އެގިގެންދިޔައީ މި ފަދަ ގޮތަކަށްކަމަށެވެ. އަދި ތާރީހީ ބައެއް ހާދިސާތައް މިއަދުގެ ޖީލާއި ހަމައަށް ގެނެސްދޭ އެންމެ މުހިއްމު އެކައްޗަކީވެސް ޑްރާމާަކން އިކްރާމް ފާހަގަކުރެއްވިއެވެ. މި ގޮތުން ދިވެހި ތާރީހީ އެތައް ވާހަކަތަކެއްގެ މައްޗަށް ޑްރާމާތައް ހަދާ އެ ހާދިސާތަކުގެ މައުލޫމާތު ގެެނެސްދީފައިވާކަމަށްވެސް އިކްރާމް ވިދާޅުވިއެވެ.

"އިންސާނުން ފުރަތަމަ ދަސްކުރި ޑްރާމާއަކީ މީހުން ވަޅުލާނެ ގޮތް. އަޅުގަނޑުމެންގެ ދިވެހި ތާރީޚަށް ބަލާއިރުވެސް އެނގިވަޑައިގަންނަވާނެ އެންމެ ދުރު މާޒީގެ ވާހަކަވެސް ޑްރާމާތަކެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ކުޅެވުނީ. ދިވެހިރާއްޖޭގެ އިސްލާމުދީނުގެ ހިދާޔަތް އައި ގޮތުގެ ވާހަކަތައް ރަންނަމާރި ވާހަކަ. އެއަށް އަޅުގަނޑުމެން ޑްރާމާ ކުޅެފިން. ޑްރާމާ ހަދައިފިން. މިފަދަ އެތައް ވާހަކައެއް ހިމެނޭ ޑްރާމާތަކެއްގެ ސިފައިގައި މީހުންނާ ހަމައަށް ގެނެސްފައި ހުރި." އިކްރާމް ވިދާޅުވިއެވެ.

ޖުމްލަ 21 ފަރާތަކުން 22 ޑްރާމާއެއް ބައިވެރިކުރި "ކުލަވަރު"ގެ އެންމެ މޮޅު ޑްރާމާއަކަށް އިމިގްރޭޝަންގެ ޑުރާމާ ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ފިރިހެން ވޮއިސް އާޓިސްޓަކަށް ހޮވިފައިވަނީ އިމިގްރޭޝަންގެ އަސްނީމް ޢަލީއެވެ. މުބާރާތުގެ އެންމެ މޮޅު އަންހެން ވޮއިސް އާޓިސްޓަކަށް ހޮވުނީ މީރާގެ "ފުރުސަތު" ޑްރާމާއަށް އަޑުއަޅާފައިވާ އައިޝަތު ސުހާއެވެ.

ކުލަވަރުގެ އެންމެ މޮޅު ޗައިލްޑް ވޮއިސް އާޓިސްޓަށް ހޮވުނީ ބްރޫޖް ޕްރީ ސްކޫލްގެ "އޮޅާލި" ޑުރާމާއަށް އަޑުއަޅާފައިވާ ޒާރާ އަލީ ނަސީރެވެ. އެންމެ މޮޅު އަންހެން ސަޕޯޓިންގް ވޮއިސް އާޓިސްޓަކަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ "މީ މަގޭ ނަސީބު" ޑުރާމާއަށް އަޑުއަޅާފައިވާ މަރިޔަމް ނަހުލާ ހޮވުނުއިރު، އެންމެ މޮޅު ފިރިހެން ސަޕޯޓިންގް ފިރިހެން ވޮއިސް އާޓިސްޓަކަށް ހޮވުނީ މީރާގެ ފުރުސަތު ޑުރާމާއަށް އަޑުއަޅާފައިވާ މަދީޙް އަބޫބަކުރުއެވެ.

މުބާރާތުގެ އެއްވަނަ އުފުލާލި "ނެތިފަނާ" ޑުރާމާގެ ޕްރޮޑިއުސަރު ޢަބްދުﷲ ރިޝާމް ވިދާޅުވީ، މި ޑްރާމާއަކީ އާންމުކޮށް މުޖުތަމަތުގައި ހިނގާ އެހެން ނަމަވެސް އެއްވެސް ވަރަކަށް ފިލްމަކުން އަދި ޑްރާމާއަކުންވެސް ގެނެސްފައި ނުވާ ވާހަތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޑްރާމާއެއް ކަމަށެވެ. މޯލްޑިވްސް އިމިގްރޭޝަންގެ "ނެތިފަނާ" ޑްރާމާ ހާއްސަކޮށްފައިވަނީ އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދުމަށް ބައެއް ފަރާތްތަކުން ހިންގަމުން އަންނަ އަމަލުތަކުގެ މައްޗަށެވެ.

"ނެތިފަނާ" ޑުރާމާ މިއަހަރުގެ އެއްވަނަ ޑްރާމާއަށް ހޮވުނުއިރު، މި މުބާރާތުގެ އެންމެ މޮޅު ޕްރޮޑިއުސަރަކަށްވެސް ހޮވިފައިވަނީ އެ ޑުރާމާގެ ޕްރޮޑިއުސަރު ޢަބްދުﷲ ރިޝާމްއެވެ. އިމިގްރޭޝަނުން ވަނީ މިދިޔަ އަހަރުވެސް މި މުބާރާތުގެ އެއްވަނަ ޑްރާމާގެ މަގާމު ހޯދާފައެވެ.