ޚަބަރު

ޤަރުނުގެ އެންމެ ދިގު ހަނދުކޭތައަށް ތައްޔާރުތަ؟

އަންނަ ހުކުރު ދުވަހުގެރެއަކީ ފަލަކީ ކަންކަމަށް ޝައުޤުވެރިކަން ހުންނަ މީހުންނަށް ވަރަށް ޚާއްސަ ރެއެކެވެ. މިޤަރުނުގައި (2001 އިން 2100) ހިފާ އެންމެ ދިގު، ފުރިހަމަ ހަނދު ކޭތަ އެރޭ ފެންނާނެއެވެ. ޒުލްޤައިދާމަހުގެ 15 ވިލޭރޭ ހިފާ ހަނދުކޭތަ، މޫސުން ގޯސް ނުވާނަމަ ދުނިޔޭގެ ގިނަ ހިސާބުތަކަށް ވަރަށް ސާފުކޮށް ފެންނާނެއެވެ.
އިރުކޭތަ އަދި ހަނދުކޭތަ ހިފަނީ، ދުނިޔެ ވަށައިގެން ހަނދު ދައުރުކޮށް، އަދި އިރު ވަށައިގެން ދުނިޔެއާއި ހަނދު ދައުރުކުރާތީ އެވެ. އެތަކެތި ދައުރުކުރަމުންދާއިރު، ބައެއްފަހަރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ވަދެއެވެ. މިހެންވާއިރު ހިފަނީ އިރުކޭތަ އެވެ. ބައެއްފަހަރު، އިރާއި ހަނދާ ދެމެދަށް ދުނިޔެ ވަދެއެވެ. މިހެން ވާއިރު، ހިފަނީ، ހަނދުކޭތަ އެވެ.

ހަނދު ކޭތަ ހިފާއިރު، އިރާއި ހަނދާ ދެމެދަށް ދުނިޔެ ވަނުމުން ގޮއްޓެއްގެ ސިފައިގައި އޮންނަ ހިޔާގަނޑެއް އުފެދެއެވެ. އެގޮށީގެ ތެރޭގައި ހިމެނޭ ބައިގައި ހިފާނީ މުޅި ހަނދު ކޭތައެއް، ނުވަތަ ފުރިހަމަ ހަނދު ކޭތައެކެވެ. އެ ގޮށީގެ އަރިމަތިން އުފެދޭ މަޑު ހިޔާގަނޑުގެ ތެރޭގައި ހިމެނޭ ބައިގައި ހިފާނީ ފަޅި ކޭތައެކެވެ. ފުރިހަމަ ހަނދުކޭތަ ހިފާނީ، އިރާއި ހަނދާއި ދެމެދަށް ދުނިޔެ ވަދެ، މި ތިނެތި އެއް ރޮނގެއްގެ މަތީގައި ސީދާވާ އިރުގައެވެ.
ހުކުރު ދުވަހުގެރޭ ފުރިހަމަ ހަނދުކޭތަ ހިފަން ފެށުމުގެ ކުރިން އެރޭ 11:24 ގައި ފަޅި ހަނދު ކޭތައެއް ހިފަންފަށާނެއެވެ. ފަޅިކޭތައަށްފަހު ފުރިހަމަ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން ދަންވަރު 12:30 ހާއިރުއެވެ. އެރޭ މެންދަމު 1:21 ހާއިރު ހުންނާނީ ފުރިހަމަ ހަނދުކޭތައެއް ހިފާފައެވެ. އެވަގުތު ހަނދު ފެންނަނީ ރަތް އޮރެންޖު ކުލައެއްގައެވެ. މިއީ އިރުގެ އަލި ދުނިޔޭގެ ވައިގެ ފަށަލަތަކުގެ ތެރެއިން ގޮސް ހަނދަށް އެޅޭތީ ފެންނަ ކުލައެކެވެ. މުޅި ހަނދުކޭތަ ގާތްގަނޑަކަށް އެއް ގަޑިއިރާއި 43 މިނެޓް ވަންދެން ހިފާފައި ހުންނާނެއެވެ. އެހެންކަމުން މިއީ މިޤަރުނުގައިވެސް ފެންނާނެ އެންމެ ދިގު ފުރިހަމަ ހަނދުކޭތައެވެ.

ޚަބަރުތައް ބުނާގޮތުން އުތުރު އެމެރިކާގެ ސަރަޙައްދުތަކަށް ހަނދުކޭތަ އެއްވެސް ވަރަކަށް ނުފެންނާނެއެވެ. އެއީ ހަނދުކޭތަ ހިފާ ވަގުތު އުތުރު އެމެރިކާއަށް ހަނދު އޮއްސިފައި ހުންނާނެތީއެވެ. ޔޫރަޕާއި އިރުމަތީ އޭޝިޔާ، އޮސްޓްރޭލިއާއާއި ބައެއް އެހެނިހެން ސަރަޙައްދުތަކަށް ފެންނަނީ ފަޅި ކޭތައެކެވެ. ނަމަވެސް އިރުމަތީ އެފްރިކާ، މެދުއިރުމަތި އަދި ސެންޓްރަލް އޭޝިޔާގެ ޤައުމުތަކާއި ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ޖަޒީރާތަކަށް މޫސުން ގޯސް ނޫންނަމަ ހުކުރުދުވަހުގެރޭ ހިފާ ފުރިހަމަ ހަނދުކޭތަ ވަރަށް ރީތިކޮށް ފެންނާނެއެވެ.
ލޮލަށް ލިބިދާނެ ގެއްލުމަކުން އިރުކޭތަ ބެލުމަށް ޚާއްސަ އާލާތްތައް ބޭނުންކުރިޔަސް، ހަނދުކޭތަ ބެލުމަށް މިފަދަ އެއްވެސް އެއްޗެއް ބޭނުމެއް ނުވާނެއެވެ. ހުކުރުދުވަހުގެރޭ ހިފާ ހަނދުކޭތަ އެއްގަޑިއިރާއި 43 މިނެޓް ހިފާފައި ހުންނައިރު، 4 މިނެޓް އިތުރުވިނަމަވެސް މިހަނދުކޭތަ ވާނީ ދުނިޔެ މައްޗަށް މިހާތަނަށް ފެނުނު އެންމެ ދިގު ހަނދުކޭތައަށެވެ.