ޚަބަރު

ތިމާވެއްޓާއި ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ރާއްޖެއާ ފްރާންސާ ދެމެދު މަޝްވަރާކޮށްފި


ތިމާވެއްޓާއި ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ރާއްޖެއާ ފްރާންސް އެކުގައި މަސައްކަތް ކުރުމާބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާތައްކޮށްފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ މުޙައްމަދު އާސިމްގެ އަރިހަށް، ފްރާންސުން ރާއްޖެއަށް ކަޑައަޅާފައި ހުންނަ ސަފީރު ޖީން- މެރިން ޝޫހް ކުރެއްވި ވަދާޢީ ޒިޔާރަތުގެ ތެރެއިންނެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި މިބައްދަލުވުމުގައި ޑރ އާސިމް ވަނީ ފްރާންސާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިވެފައިވާ މިންވަރަށް އަލިއަޅުވާލައްވާ، ދެޤައުމުގެ ގުޅުން ހަރުދަނާކުރުމަށް ސަފީރު ކުރެއްވި މަސައްކަތްފުޅަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރާއި ސަފީރު ވަނީ ދެޤައުމުގެ މެދުގައިވާ އެކި ދާއިރާތަކުން ޤާއިމުކޮށްފައިވާ ގުޅުން މިހާރަށް ވުރެ ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް ބައިނަލްއަޤުވާމީ މައިދާނުގައި ތިމާވެށި ޙިމާޔަތްކުރުމާއި، ކައުންޓަރ ޓެރަރިޒަމްގެ ދައިރާއިން ފްރާންސާއި ރާއްޖެއަށް އެކުގައި މަސައްކަތްކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.