ޚަބަރު

ސައުދީން ހަދިޔާކުރި ކަދުރު ހުސްވަންދެން ބަހާނެ - އިސްލާމިކް މިނިސްޓްރީ


ސައުދީ ޢަރަބިއްޔާއިން ދިވެހި ރައްޔިތުންނަށް ހަދިޔާ ކުރި ކަދުރު ހުސްވަންދެން މާލެއާ އަތޮޅުތެރޭގައި ކަޑައަޅާފައިވާ ތަންތަނުން ބަހަމުން ދާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ބުނެފިއެވެ.

ސައުދީ ޢަރަބިއްޔާގެ "ކިންގް ސަލްމާން ހިއުމޭނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރ" އިން ދިވެހިރާއްޖެއަށް ހަދިޔާކުރި ފަންސާސް މެޓްރިކް ޓަނުގެ ކަދުރު މާލެއާ އަތޮޅުތަކުގައި މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ދަނީ ބަހަމުންނެވެ.

މިގޮތުން، މާލެ އާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހަމުންދަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު ނުވަޔަކާ ހަވީރު ހަޔަކާ ދެމެދު އިސްލާމީ މަރުކަޒުގައެވެ. ހުޅުމާލޭގައި ކަދުރު ބަހަމުންދަނީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން މެދުވެރިކޮށެވެ. ރަށްރަށުގައާ އަތޮޅުތެރޭގައި ކަދުރު ބަހަމުންދަނީ އަތޮޅު ކައުންސިލާ، ރަށު ކައުންސިލް މެދުވެރިކޮށެވެ.

އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން މާލެއާ އަތޮޅުތެރޭގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިޔަށްދާއިރު، ކަދުރު ބަހަނީ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއްގެ މަގުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން ގޭބިސީގެ ޞައްޙަކަން އަންގައިދޭ ލިޔުމެއް ހިފައިގެން ދިއުމުން ކަދުރު ޙަވާލު ކުރުމުގެ އިންތިޒާމު އެމިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

ގޭބިސީގެ ޞައްޙަކަން އަންގައިދޭ ލިޔުމެއްގެ ގޮތުގައި ކުއްޔަށް ދިރިއުޅޭ ފަރާތްތަކުން ޢިމާރަތުގެ ވެރި ފަރާތާއެކު ވެފައިވާ އެއްބަސްވުން ނުވަތަ ގޯތީގެ ރަޖިސްޓްރީ ފުދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.