ޚަބަރު

ފަންސާސް ދިވެހި އަންހެން ޑައިވަރުންގެ ޑައިވް ޙަރަކާތެެއް


ޕަޑީ ވިމެންސް ޑައިވް ޑޭ ފާހަގަކުރުމަށް ރާއްޖޭގެ ފަންސާސް އަންހެނުން ހިމެނޭހެން ޑައިވިން ޙަރަކާތެއް ހިންގައިފިއެވެ.

މިއީ ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓްރަކްޓަރސް، ޕަޑީއިން ބައިނަލްއަޤުވާމީ ފެންވަރެއްގައި ބާއްވަމުން އަންނަ ޙަރަކާތެކެވެ. އަންހެން ޑައިވަރުންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމުގެ ގޮތުން ޕަޑީއިން ބާއްވަމުން އަންނަ އަހަރީ ޙަރަކާތް ރާއްޖޭގައި އިންތިޒާމުކޮށްގެން ކުރިޔަށްގެންދިޔައީ ރާއްޖޭގެ އަންހެނުންނަށް ޚާޢްޞަ ޑައިވިންގ ޖަމްޢިއްޔާ، "މޫދު ގޮއްޔެ"އިންނެވެ.

ޕަޑީ ވިމެންސް ޑައިވް ޑޭ ފާހަގަކުުރުމުގެ ގޮތުން ބޭއްވި ޙަރަކާތުގައި "މޫދު ގޮއްޔެ" ގެ ފަންސާސް މެންބަރުން ބައިވެރިވިއެވެ. ޕަޑީ ސެޓްފިކެޓް ޙާޞިލުކޮށްފައިވާ މި 50 ޑައިވަރުންނާއެކު ރާއްޖޭގެ ފަސް އިންސްޓްރަކްޓަރުންނާއި، ހަތަރު ޑައިވް މާސްޓަރުންވެސް ބައިވެރިވިއެވެ. މިޙަރަކާތް ކުރިޔަށް ގެންދިޔައީ އިއްޔެ ހެދުނު 8:30އިން ފެށިގެން ހަވީރު 5 އަށެވެ. މި ޙަރަކާތުގައި ބައިވެރިވި ޑައިވަރުން ދެޞަރަޙައްދަކަށް އިއްޔެ ޑައިވް ކުރިއެވެ. ފުރަތަމަ ޑައިވްކޮށްފައިވަނީ ޕެރަޑައިޒް އައިލޭންޑް ރިޒޯޓު ކައިރިން "ލަންކަން" ޞަރަޙައްދަށެވެ. ދެވަނަ ޑައިވް ކުރީ މާލެ އަތޮޅު ފުރަނަފުށި ކައިރިން "ފުރަނަ ނޯތް" ޞަރަޙައްދަށެވެ. މޫދު ގޮއްޔެ ޖަމްޢިއްޔާއިން ބުނީ އެޖަމްޢިއްޔާގެ ޢަމާޒަކީ އަންހެނުންގެ މެދުގައި ޑައިވްކުރުމާއި، މޫދު ކުޅިވަރަށް ޝައުގުވެރިކަން އިތުރުކުރުމެވެ. އަދި މިފަދަ ޙަރަކާތްތައް މެދުވެރިކޮށް ޑައިވްކުރުމަށް ޝައުޤުވެރިވާ ފަރާތްތައް ދެނެގަންނަން މަސައްކަތްކުރާނެކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ. އަދި އުންމީދަކީ ރާއްޖޭގައި ހުސްވަގުތުގައްޔާއި ޕްރޮފެޝަނަލް ފެންވަރުގައި ޑައިވްކުރާ އަންހެނުންގެ ޢަދަދު އިތުރުކުރުންކަމަށް މޫދު ގޮއްޔެ ޖަމްޢިއްޔާއިން ބުނެއެވެ.

ޕަޑީއިން ބައިނަލްއަޤުވާމީ ފެންވަރުގައި އަންހެނުންނަށް ޚާއްޞަ ޑައިވް ޑޭއެއް ފަހަގަކުރަން ފެށީ 2015 ވަނަ އަހަރުއެވެ. މިއަހަރު އެކަނިވެސް ދުނިޔޭގެ 85 ޤައުމެއްގައި މިދުވަހާ ގުޅިގެން 880 ޙަރަކާތެއް ވަނީ ބާއްވާފައެވެ.