ޚަބަރު

ރާއްޖޭގައި މޫދުއަޑީގެ ސްކަލްޕްޗަރ މިއުޒިއަމެއް ހުޅުވައިފި


ރާއްޖޭގައި ޤާއިމުކުރި މޫދު އަޑީގެ ސްކަލްޕްޗަރ މިއުޒިއަމް ހުޅުވައިފިއެވެ.
ފެއަރ މައުންޓް ސިއްރު ފެންފުށި ރިސޯޓުގައި ޤާއިމުކޮށްފައިވާ ކޮރަލޭރިއަމްއަކީ އިނގިރޭސިވިލާތުގެ ނަން މަޝްހޫރު ސްކަލްޕްޓަރ ޖޭސަން ޑިކެއިރިސް ޓެއިލަރ ތައްޔާރުކޮށްފައިވާ ތަނެކެވެ. ޓެއިލަރއަކީ މުރަކަ އާލާކުރުމުގެ ގޮތުން އެންމެ ފުރަތަމަ މޫދު އަޑީގެ ސްކަލްޕްޗަރ މިއުޒިއަމް ބިނާކުރި އާރޓިސްޓުވެސްމެއެވެ.

ސިއްރު ފެންފުށީގައި އޭނާ ބިނާކުރި މިއުޒިއަމްވެސް މިއީ މުރަކަ އަލާކުރުވުމަށް ބާރުއަޅާ، ތިމާވެއްޓަށް ފައިދާކުރުވާނެހެން ބިނާކޮށްފައިވާ ތަނެކެވެ. ކޮރަލޭރިއަމް ތައްޔާރުކޮށްފައިވަނީ މުރަކައާ ފަރުއާލާވާނެހެން ފަޅުތެރޭގައި ވަކިން ޞަރަޙައްދެއްގައި ވަށައިގެން އަލި ވަންނާނެހެން ތަންތަންގަނޑު ކަޑާފައިވާ ދަގަޑު ފޮއްޓެއް ކަހަލަ ސްޓްރަކްޗަރއެއް ބަހައްޓައިގެނެވެ. މިފޮށީގެ މަތީގައާ، އަޑީގަ 14 ސްކަލްޕްޗަރ ހުރެއެވެ.

މިގޮތުން ކަނޑުއަޑީގައި ހުންނަ ސްކަލްޕްޗަރތައް ތައްޔާރުކޮށްފައިވަނީ މުރަކަތައް އަލާވާނެހެންނެވެ. ސިއްރު ފެންފުއްޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި އެރިޒޯޓުގެ މެރިން ބަޔޮލޮޖިސްޓާއެކު މިމިއުޒިއަމް ބަލާލުމަށް ފުރުޞަތު ލިބޭނެއެވެ. މިގޮތުން ފޮށީގެ މަތިންނާ، ކަނޑުއަޑިންވެސް މިމިއުޒިއަމްގެ ސްކްލަޕްޗަރތައް ބަލާލުމުގެ ފުރުޞަތު ލިބޭނެކަމަށް ފެއަރ މައުންޓް ސިއްރު ފެންފުށި ރިސޯޓުން ބުނެއެވެ.