ޚަބަރު

ސަރުކާރު އިޞްލާޙު ކުރުމަކީ ޤާނޫނާއި ޚިލާފަށް ސަރުކާރު ވައްޓާލުމެއް ނޫން : ޑރ. ޝަހީމް


ކޮންމެ ސަރުކާރެއްގައިވެސް ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށާއި ނަމަވެސް އެކަންކަން އިޞްލާޙު ކުރުމުގެ ނަމުގައި ބަޣާވާތް ކޮށްގެން ނުވަތަ ޤާނޫނާއި ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ރަނިންގ މޭޓު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ގއ. ގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކޮލަމާފުށީ ރައްޔިތުންނާއި ބައްދަލުކުރައްވާ މިއަދު ޑރ. ޝަހީމް ވިދާޅުވީ، ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ އެހީގައި ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރުވުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ޒަމާނުއްސުރެ ދިވެހިރާއްޖެއަކީ ބޭރުގެ އެކި ޤައުމުތަކުން ލޯ އަޅަމުން އަންނަ ޤައުމެއް ކަމަށެވެ. ޑރ. ޝަހީމް ވިދާޅުވީ ތަފާތު އެކިއެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ދިވެހިން އެތަކެއް ފައިސާތަކެއް ޚަރަދު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ޙިކުމަތު ޢަމަލީގެ ސަބަބުން ރާއްޖެއިން ބޭރުވާ ފައިސާ ރާއްޖޭގައި ބެހެއްޓޭނެ ގޮތް މެދުވެރިވަމުން އަންނަ ކަމަށެވެ.

"އެހެންވީމަ ބޭރު ޤައުމުތަކުން އެހެންވާކަށް ބޭނުމެއް ނުވޭ. އެހެންކަމުން ކޮންމެވެސް ސަބަބުތަކާއި ހުރެއޭ ކިޔާފައި އެ މީހުން ބޭނުންވަނީ ސަރުކާރު ވައްޓާލަން. އެހެންވީމަ އެ ފުރުޞަތު ދިވެހި ރައްޔިތުން ދީގެން ނުވާނެ. އަޅުގަނޑުމެން އަޑު އެހީމު ދެއްތޯ އިރާޤުގެ ވާހަކަ. އިރާޤަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ ކޮން ކަމެއްތޯ. މިއަދު އިރާޤަށް ވެފައި އޮތްގޮތް ބަލައިލުމުން ވަރަށް ރަނގަޅަށް އެކަން ދޭހަވާނެ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ޔޫރަޕިއަން ޔޫނިއަން އީޔޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ އީޔޫއިން ރާއްޖެއާ މެދު ފިޔަވަޅު އަޅަން އުޅޭ ވާހަކަ އަޑުއިވޭއިރު ރާއްޖޭގެ ތަރައްޤީގައި އީޔޫގެ ޙިއްސާ ވަރަށް ކުޑަ ކަމަށެވެ. ރާއްޖޭގެ ތަރައްޤީއަށް އެންމެ އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ ޢަރަބި އިސްލާމީ ޤައުމުތަކުން ކަމަށާއި އެ ޤައުމުތަކުން އަދިވެސް ތިބީ ދިވެހިންނާއި އެކުގައި ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި އެ ޤައުމުތައް ތިބީ އަދުގެ ސަރުކާރާއެކުގައިކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.

"އެހެންވީމަ ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނުންތެރިކަން ކުރިއަށް ނެރެގެން ކަންކަން ކުރަންޖެހޭނީ. މި އިންތިޚާބަކީވެސް ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ޚައްސާސް އިންތިޚާބު. އެންމެ ޚައްސާސް ނާޒުކު އިންތިޚާބު. މި އިންތިޚާބަކީ ރާއްޖޭގެ މުސްތަޤުބަލު ކަނޑައަޅާ އިންތިޚާބު. އަޅުގަނޑުމެން ބޭނުންވަނީ ތަރައްޤީ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ކޮލަމާފުށީ ރައްޔިތުންނާއި ބައްދަލުކުރައްވާ ޑރ. ޝަހީމް ވަނީ 2013ވަނަ އަހަރު ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތްއިރާއި، މިހާރު ރާއްޖެއަށް އައިސްފައިވާ ބަދަލުތައް އެ ރައްޔިތުންނާއި ޙިއްސާކުރައްވާފައެވެ.