ޚަބަރު

ރިންގްރޯޑު ސަރަޙައްދުގައި ޕާކުކުރާ އުޅަނދުތައް މާދަމާއިން ފެށިގެން ނާގާނެ - ހައުސިންގ މިނިސްޓްރީ


ރިންގް ރޯޑްގެ މަސައްކަތް ކުރުމަށް، މޭރީބްރައުންއިން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ދެމެދުން ބަންދުކޮށްފައިވާ ސަރަޙައްދުގައި އުޅަނދު ޕާކުރުން މަނާކޮށް، މާދަމާއިން ފެށިގެން އެ ސަރަޙައްދުގައި ޕާކުކުރާ އުޅަނދުތައް ނާގާނެކަމަށް ހައުސިންގ މިނިސްޓްރީއިން ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިގޮތަށް ޢަމަލުކުރަން ނިންމާފައިވަނީ މި ދުވަސްވަރަކީ ރިންގރޯޑުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ދުވަސްވަރަކަށްވެފައި، އުޅަނދުތައް ދުއްވާ، ޕާކުކުރަމުންދާތީ އެކަމުގެ ސަބަބުން މަސައްކަތަށް ދަތިވިޔަނުދިނުމަށް ކަމަށެވެ. އަދި މާދަމާއިން ފެށިގެން އެސަރަޙައްދުގައި އެއްވެސް އުޅަނދެއް ޕާކުނުކުރުމަށާއި، ޕާކުކުރާ އުޅަނދުތައް އެތަނުން ނަގާނެކަމަށް ހައުސިންގ މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އުޅަނދުތައް ނެގުމުގައި އުޅަނދަށް ލިބޭ ގެއްލުމަކަށް މިނިސްޓްރީއިން ޒިންމާނުވާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މީގެ ކުރިންވެސް މޭރީބްރައުންއާއި، ހުޅުމާލެ ފެރީއާއި ދެމެދުވާ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނެސް، އެސަރަޙައްދުގައި އެއްވެސް އުޅަނދެއް ޕާކު ނުކުރުމަށް އަންގާފައެވެ. މީގެ އިތުރުން، މިސަރަޙައްދުގައި ދުއްވުމާއި ޕާކުކުރުމުގައި ޓްރާންސްޕޯޓް އޮތޯރިޓީން ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ހައުސިންގ މިނިސްޓްރީން ވަނީ ޢިލްތިމާސްކޮށްފައެވެ.

ރިންގްރޯޑުގެ މަސައްކަތަކީ، ބްރިޖަށް ދަތުރުކުރާ ބޮޑެތި މަގުތައް ރަނގަޅު ފެނަވަރަކަށް ތާރުއަޅައިގެން ހެދުމަށް ހައުސިންގ މިނިނސްޓްރީއިން ކުރިއަށް ގެންދާ ޕްރޮޖެކްޓުގެ ދަށުން ކުރަމުންދާ މަސައްކަތެކެވެ. މި މަޝްރޫޢޫގައި މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެށިގެން ހުޅުމާލޭ ފެރީ ޓާމިނަލާހަމައަށް، ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން ރަނގަޅު ފެންވަރަށް ހެދުން ހިމެނެއެވެ. މިނިސްޓްރީއިން ގެންދަނީ މި މަސައްކަތް ބްރިޖު ހުޅުވެންވާއިރަށް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.