ޚަބަރު

ކޯސްޓް ގާރޑް "ހުރަވީ" މަރާމާތުކުރަން އިންޑިއާއަށް ގެންގޮސްފި


މަރާމާތްކުރުމަށް ދިވެހި އަސްކަރިއްޔާގެ ކޯސްޓް ގާރޑްގެ ޝިޕް "ހުރަވީ" އިންޑިއާއަށް ގެންގޮސްފިއެވެ.

ކޯސްޓް ގާރޑުން ބުނީ، ރާއްޖޭގެ އިގްތިޞާދީ ސަރަހައްދުގެ ރައްކާތެރިކަން ބެލެހެއްޓުމުގައި ބޭނުން ކުރަމުން ދިޔަ ކަނޑު އުޅަނދު، ޝިޕް "ހުރަވީ" މަރާމާތު ކުރުމަށް އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ. އެއުޅަނދު މަރާމާތު ކުރުމަށް ހަމަޖެހިފައި ވަނީ އަންދުރަ ޕްރަދޭޝްގެ "ވިޝަޚަ ޕަތުނަމް" ކިޔާ އަވަށެއްގައި ކަމަށް ކޯސްޓް ގާރޑުން ބުނެއެވެ.

ކޯސްޓް ގާރޑުން ބުނީ "ހުރަވީ" މަރާމާތު ކުރުމަށް މަދުވެގެން ފަސްމަސްދުވަސްވަރު ނަގާނެކަމަށެވެ. އަދި އެ އުޅަނޑުގެ މަރާމާތަށް ފަސްމިލިއަނަށްވުރެ ގިނަރުފިޔާ ހޭދަވާނެކަމަށާ، އެ ހުރިހާ ހަރަދެއްވެސް ކުރާނީ އިންޑިއާ ސަރުކާރުން ކަމަށް ކޯސްޓް ގާރޑުން ބުނެއެވެ.

މި އުޅަނދު އިންޑިއާއަށް ގެންދިއުމަށް ކޮމާންޑަރެއްގެ ގޮތުގައި ހުންނެވީ ކޯސްޓްގާރޑްގެ މޭޖަރ ޖެނެރަލް މުހައްމަދު ޖަމްޝާދެވެ. އޭނާއާއެކު އެމްއެންޑީފްގެ 25 ފަޅުވެރިން ދަތުރު ކުރިއިރު، ސްރީލަންކާއިން ފުރައިގެން އިންޑިއާއާ ހަމަޔަށް އެ އުޅަނދު ގެންގޮސްފައި ވަނީ އިންޑިއާ ނޭވީގެ އެހީތެރިކަމާއެކުއެވެ.

ކޯސްޓް ގާރޑްގެ ޝިޕް "ހުރަވީ" ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ކަނޑުތަކުގައި ދުއްވަން ފަސޭހަވާނެ ގޮތަށެވެ. ޖުމްލަ 300 ޓަނު އުފުލުމުގެ ޤާބިލްކަން ލިބިފައިވާ އެ އުޅަނދުގެ ދިގުމިނުގައި 46 ފޫޓް ހުންނައިރު، އެއީ އިންޑިއާ ސަރުކާރުން 2006 ވަނަ އަހަރު ރާއްޖެއަށް ހަދިޔާކުރި އުޅަނދެކެވެ.

ކޯސްޓް ގާރޑުން "ހުރަވީ" ޝިޕް ބޭނުން ކުރަނީ ރާއްޖޭގެ އިގްތިޞާދީ ސަރަހައްދު ޙިމާޔަތް ކުރުމުގެ ގޮތުން ކަނޑު ފޭރުން ހުއްޓުވުމާއި، ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި، ޤަވާއިދާ ޚިލާފަށް ރާއްޖޭގެ އިގްތިޞާދީ ސަރަހައްދަން ވަންނަ ބޭރުގެ އުޅަނދުތައް ކޮންޓްރޯލް ކުރުމަށެވެ.

މީގެ އިތުރުން ކަނޑުމަތީގައި ހިނގާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް މަސައްކަތް ކުރުމާއި، ކަނޑު ދަތުރުތަކުގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގެ ކަނޑުތަކުގެ އެއްމެހާ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާވެސް "ހުރަވީ" ޝިޕް ބޭނުންކޮށްގެން ކޯސްޓް ގާރޑުން އަންނަނީ ކުރަމުންނެވެ.