ޚަބަރު

ކ އަތޮޅާއި ސ އަތޮޅާއި ދެމެދުގެ ޞަރަޙައްދުތަކަށް ވައިޓް އެލަރޓް ނެރެފި


ދިވެހި ރާއްޖޭ ގެ ބޮޑު ޞަރަޙައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށް ދިވެހި ރާއްޖޭ ގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވައިޓް އެލަރޓް ނެރެފިއެވެ.
މި އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 5:15 އިން ފެށިގެން ހެނދުނު 11:00 ޖެހުމާއި ހަމައަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އެލަރޓް ޝާޢިއުކުރުމަށް ކުރި ޓްވީޓް ގައި ވަނީ ކޮންވެކްޝަން ގެ ސަބަބުން އުފެދޭ ވިއްސާރަ ވިލާ ރާއްޖޭގެ ޞަރަޙައްދުގައި ބޯކޮށް އުފެދިފައިވާ ކަމަށާއި، ވިލާތައް ދަތުރުކުރަނީ މެދު ރާއްޖެ ތެރެއާއި، ދެކުނު ގެ އަތޮޅުތަކުގައި ކަމަށެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މޫސުމާބެހޭ ޤައުމީ އިދާރައިން މަޢުލޫމާތުދެއެވެ. އެހެންކަމުން ކ އަތޮޅާއި ސ އަތޮޅާއި ދެމެދު ގެ ޞަރަޙައްދު ތަކަށް އެ އިދާރާއިން ވައިޓް އެލަރޓް ނެރެފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން މޫސުމީ ލަފާ ޢާއްމުކޮށްފައިވަނީ މިއަދު ފަތިހު ގަޑިން 4:30 ގައެވެ. މި ދުވަސްވަރު ރާއްޖޭ ގެ އެކި ޞަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވޭތުވެ ދިޔަ 3 ދުވަހުވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވައިޓް އެލަރޓް ނެރެފައެވެ. އަދި ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތައް މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން އެދެއެވެ.