ދިވެހި ސަތޭކަ މުވައްޒަފުން ހަމަވާ ހުރިހާ ރިސޯޓްތަކުގައި ވޯޓް ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނިންމުން މިގޮތަށް ބަދަލުކޮށްފައި މިވަނީ، 250 ދިވެހިން ހަމަވާ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން އެ ކޮމިޝަނުން ނިންމުމާއި ގުޅިގެން ސިޔާސީ ޕާޓީތަކުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
އީސީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓްލުމަށް ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނެ އުޞޫލް ކަނޑައެޅުމުގައި މީހުން ރަޖިސްޓްރީވާންޖެހޭނެ ކަމަށް ކޮމިޝަނުން ކަނޑައެޅި އަދަދު މުރާޖަޢާކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު 100 ދިވެހިން ވަޒީފާ އަދާކުރާ ރިސޯޓުތަކުގެ ތެރެއިން ވޯޓު ފޮށި ބެހެއްޓުމަށް އެއްބަސްވެފައިވާ ރަށްރަށުގައި ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ.
އީސީން ބުނީ އެގޮތަށް ނިންމީ 250 ދިވެހިން ހަމަވާ ރިސޯޓުތަކުގައި އެކަނި ވޯޓު ފޮށި ބަހައްޓަން އެކޮމިޝަނުން ނިންމުމާ ގުޅިގެން ގިނަ ސިޔާސީ ޕާޓީތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރުމުން، އެކަންކަން ބަލާ މުރާޖާ ކުރުމަށްފަހު ކަމަށެވެ. އަދި ރިޔާސީ އިންތިޙާބުގައި ވީހާވެސް ގިނަ ފަރާތްތަކަށް ވޯޓް ދިނުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އީސީގެ މި ނިންމުމާއެކު ރިސޯޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ރިސޯޓްގައި ވޯޓްލާން ބޭނުންވާ ފަރާތްތަކަށް ރީ ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްލަ 452 ވޯޓް ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، ރިސޯޓްތަކުގައި ބަހައްޓަން ކުރިން ނިންމާފައިވަނީ ހަތް ވޯޓު ފޮށްޓެވެ. އެކަމާއި ގުޅިގެން ރިޒޯޓުތަކުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ އަދަދު މަދުކަމަށް ބުނެ ވެރިކަން ކުރާ ޕީޕީއެމް އާއި އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.