ޚަބަރު

ހއ. ބާރަށުގެ މެރީނާ ޖެޓީ ރަސްމީކޮށް ހުޅުވައިފި


ހއ. ބާރަށުގައި ތަރައްޤީކުރި ޒަމާނީ ފެންވަރުގެ މެރީނާ ޖެޓީ ރަސްމީކޮށް ހުޅުވައިފިއެވެ.
ބާރަށު ޖެޓީ ހުޅުއްވައިދެއްވީ، ހއ، ހދ އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބާރަށަށް ވަޑައިގެނެވެ.
ބާރަށު ޖެޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބާރަށުގައި ތަރައްޤީކުރި ޖެޓީއަކީ ރާއްޖޭގެ އެއްވެސް ރަށެއްގައި މިހާތަނަށް ތަރައްޤީކޮށްފައިނުވާ ފެންވަރަށް، ތަރައްޤީކޮށްފައިވާ ޒަމާނީ ޖެޓީއެއް ކަމަށާއި މިކަމަށް ދަޢުލަތުގެ ބަޖެޓުން 32 މިލިއަން ރުފިޔާ ޚަރަދކުރެއްވި ކަމަށެވެ. ޖެޓީ މަޝްރޫޢަކީ ބޮޑު މަޝްރޫޢެއް ކަމަށާއި އެމަސައްކަތް ކޮށްފައިވަނީ ބާރަށު ރައްޔިތުން ބޭނުންވާ ގޮތަށް އެމީހުންގެ ޚިޔާލު ހޯދައިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖެޓީގެ މަޝްރޫޢާއެކު އެރަށުގައި 600 ފޫޓު ދިގު ރިވެޓްމަންޓް ޖަހާފާއިރު، ގާއަތުރައިގެން ޕޭވްމަންޓެއްވެސް ވަނީ ހަދާފައެވެ. ހައުސިންގ މިނިސްޓަރގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރުކާރުން ޤައުމު ތަރައްޤީކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް އަލިއުޅުއްވާލެއްވިއެވެ. އެގޮތުން ޤައުމު ތަރައްޤީކުރުމުގައި ރައީސް ޔާމީން ކުރަމުން އަންނަ ވަރުގަދަ ޖިހާދުގައި އެންމެހާ ރައްޔިތުން ބައިވެރިވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.