ޚަބަރު

ޓްރެފިކް ޖޫރިމަނާ މަޢާފްކޮށްދީފި


ޓްރެފިކް ޤަވާޢިދާ ޚިލާފުވެގެން 2015 ވަނަ އަހަރާއި 2016 ވަނަ އަހަރާދެމެދުކޮށް ޖޫރިމަނާކޮށްފައިވާ މީހުންގެ ޖޫރިމަނާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު، މަޢާފް ކޮށްދެއްވައިފިއެވެ. މިއީ ޖުމުލަ 7 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

ޓްރެފިކް ޤަވާޢިދާ ޚިލާފުވެގެން 2015 ވަނަ އަހަރުންފެށިގެން 2016 އަހަރުގެ ނިޔަލަށް ޖޫރިމަނާ ކޮށްފައިވާމީހުންގެ ޖޫރިމަނާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އިސްނެންގެވާއެކު މައާފްކޮށްދެއްވިކަން ހާމަކުރެއްވީ އިކޮނޮމިކް މިނިސްޓްރީންނެވެ. އިކޮނޮމިކް މިނިސްޓްރީއާއި އެމިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސް ޕޯޓު އޮތޯރިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ޝިޔާޒް ވިދާޅުވީ ރައްޔިތުންނަށް އެކި ގޮތް ގޮތުން އެހީތެރިވެ، ކަންކަން ފަސޭހަކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު މަސައްކަތްތަކެއް ކުރައްވަމުންދާކަމަށެވެ. އެގޮތުން ކަމާބެހޭ ފަރާތްތަކުން އެކި މަޝްރޫތައް ކުރިޔަށް ގެންދަމުންދާއިރު، އެއާގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަވާނެ ކަންކަން ބައްލަވައި އެކަންކަމަށް މަގުފަހިކުރުމަށް އެކި ފިޔަވަޅުތައް އަޅުއްވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

2015ވަނަ އަހަރުންފެށިގެން 2016ވަނަ އަހަރުގެ ނިޔަލަށް، ޓްރެފިކް ސްޓިކަރޖެހުމާ، އެއްގަމު އުޅަނދުތަކުގެ ތެރެއިން ޓޯވކޮށްފައިވާ އުޅަނދުތަކުގެ ޖޫރިމަނާގެ ގޮތުގައި 7 މިލިއަނަށްވުރެ ގިނަ ޖޫރިމަނާގެ ގޮތުގައި ލިބެންޖެހެއެވެ. ޝިޔާޒް ވިދާޅުވީ ރައްޔިތުންނަށް ދިމާވާ ކަންކަމުގައި ލުއިފަސޭހަތް ގޮތްތައް ފޯރުކޮށްދޭން ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ ނިންމެވުމާއެކު ޓްރެފިކް ޖޫރީމަނާ މަޢާފްކުރާނެކަން ކުރިން އިޢުލާންކޮށްފައިވާނެކަމަށެވެ.

މިކަމާ ގުޅިގެން ޓްރާންޕޯޓް އޮތޯރިޓީއާއި އިކޮނޮމިކް މިނިސްޓްރީން ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތްކޮށް، އެންމެ އެކަށީގެންވާ ގޮތުގައި ޓްރެފިކް ޖޫރިމަނާތައް މަޢާފްކުރެވޭނެ ގޮތާމެދު އެއްބަސްވެފައިވާކަމަށެވެ.

ޓްރެފިލް ޤަވައިދާ ޚިލާފް ވެއްޖެނަމަ ފުރަތަމަ ފަހަރު 250 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، 2 ވަނަ ފަހަރު ޖޫރިމަނާ ކުރާނީ 500 ރުފިޔާއިންނެވެ. އަދި 3 ވަނަ ފަހަރު 750 ރުފިޔާއިން ޖޫރިމަނާ އިތުރުވާއިރު، އެއަށްފަހު ތަކުރާރުވާ ކޮންމެ ފަހަރަކު 750 ރުފިޔާއިން ޖޫރިމަނާވެފައިވެއެވެ.