ޚަބަރު

ރާއްޖޭގެ ފުރަތަމަ އިންޓަރނޭޝަނަލް ހަލާލް މެނޭޖްމަންޓް ކޮންފަރެންސް ފަށައިފި


ރާއްޖޭގައި ފުރަތަމަފަހަރަށް ބާއްވާ އިންޓަރނޭޝަނަލް ހަލާލް މެނޭޖްމަންޓް ކޮންފަރެންސް ފަށައިފިއެވެ. މިމަހުގެ 17 އިން 18އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ކުރިއަށްގެންދާ މި ކޮންފަރެންސްގައި ދުނިޔޭގެ ކުންފުނިތަކުންނާއި މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ތައްޔާރުކޮށްފައިވާ ޢިލްމީ 51 ދިރާސާއެއް ހުށަހަޅާނެކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މަޢުލޫމާތުދެއެވެ.

"ސަސްޓެއިނިންގ ގްލޯބަލް ޙަލާލް އީކޯސިސްޓަމް" މި ތީމުގެ ދަށުން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުޙައްމަދު ލަޠީފް ވިދާޅުވީ މި ފަދަ ކޮންފަރެންސެއްގެ ސަބަބުން ރާއްޖޭގެ ޙަލާލް ސެޓިފިކޭޝަން މާރކެޓް ތަރައްޤީކުރުމަށް އިތުރު ބާރަކަށްވެގެންދާނެކަމަށެވެ. އެގޮތުން ރާއްޖޭގައި މިހާރު ޙަލާލް ސެޓްފިކެޓް ޖަހާ މަހުގެ ބާވަތްތަކުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް މިދާއިރާގެ ފަންނީ މާހިރުންގެ އިރުޝާދު ސީދާގޮތެއްގައި މިކޮންފަރެންސްގެ ޒަރިއްޔާއިން ލިބިގެންދިއުމަކީ ރާއްޖޭގެ އިޤްތިޞާދަށްވެސް އެދެވޭ ހޮޔޮ ބަދަލުތަކެއް އަންނާނެކަމެއްކަމަށް ޑރ. މުޙައްމަދު ލަތީފް ވިދާޅުވިއެވެ.

ކޮންފަރެންސަށް ހުށައަޅާ ދިރާސާ ކަރުދާސްތަކަކީ، ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގައި ޙަލާލް ކޮންސެޕްޓް ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކުރެވިދާނެ ދިރާސާތަކެއް ކަމުން، މިކޮންފަރެންސް ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އިތުރުކުރުމަށް މަގުފަހިކޮށްދޭނެ ކޮންފަރެންސަކަށްކަމަށް ޑރ. މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީއަކީ ދިރާސާކުރުމަށް ޚާއްޞަ ސަމާލުކަމެއްދީގެން ފަންނީ، ޢިލްމީ ދިރާސާތައް އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ޔުނިވަރސިޓީއަކަށްވުމާއެކު، މި ކޮންފަރެންސަކީ ޔުނިވަރސިޓީއަށާއި ދިވެހިރާއްޖެއަށް މުހިންމު ޢިލްމީ ދިރާސާތަކުގެ މަޢުލޫމާތާއި ތަޖުރިބާ ޙިއްސާކުރެވޭނެ ޚާއްޞަ ކޮންފަރެންސަކަށްކަމަށްވެސް ޑރ. މުޙައްމަދު ލަތީފް ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް ހަލާލް މެނޭޖްމަންޓް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔުނިވަރސިޓީ އޮފް ސައިންސް އިސްލާމް މެލޭޝިއާގެ ޑެޕިއުޓީ ޑީން ޑރ. ޝާހިދާ އަބްދުލް ޝުކޫރް ވިދާޅުވީ މި ކޮންފަރެންސްގެތެރެއިން ދުނިޔޭގައި ބާރަށް ކުރިއަރަމުން އަންނަ ޙަލާލް ކޮންސެޕްޓާ ބެހޭ މުހިންމު ޢިލްމީ ދިރާސީ މަޢުލުމާތު ލިބިގެންދާނެކަމަށެވެ. ޙަލާލް ސެޓްފިކެޓް ދޫކުރުމުގެ ދާއިރާ ހަމައެކަނި ކާބޯތަކެއްޗަށް އޮތް ޒަމާން މިހާރު މާޒިވެފައިވާކަން ފާހަގަކުރައްވާ ޑރ. ޝާހިދާ ވިދާޅުވީ ބޭހާއި މޭކަޕް ފަދަ އުފެއްދުންތަކާއި ހަމައަށްވެސް މި ދާއިރާ ފުޅާވެފައިވާކަމަށެވެ.

އިންޑޮނޭޝިއާ، މެލޭޝިއާ، ނައިޖީރިއާ އަދި ޕާކިސްތާނުން ބައިވެރިވާ މި ކޮންފަރެންސްގެ ފުރަތަމަ ބުރު ބާއްވާފައިވަނީ ދެކުނު ކޮރެއާގައެވެ. މި ކޮންފަރެންސް އިންތިޒާމުކޮށްފައިވަނީ ޔުނިވަރސިޓީ އޮފް ސައިންސް މެލޭޝިއާއާއި މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސްގެ އިތުރުން ޤައުމީ ޔުނިވަރސިޓީ ގުޅިގެންނެވެ.