ކުށްވެރިންތަކެއް ދޫކޮށްލުމަށްފަހު އެމީހުން ޤައުމުގެ ހަމަޖެހުން ނަގާލައިގެން ޤައުމު ތަރައްޤީ ނުވާނެ ކަމަށާއި އެފަދަބަޔަކު މުޖުތަމަޢަށް ދޫކޮށްލަން ޢާއްމު ރައްޔިތުންވެސް ބޭނުންނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ހދ.ނޮޅިވަރަމްގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، ބޮޑެތި ކުށްވެރިން މުޖުތަމައުގެތެރެއަށް ދޫކުރާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާއިރު، އެއީ ރައްޔިތުން އެންމެ ބޭނުންވާނެގޮތް ނޫންކަމަށާއި ކުށްވެރިންގެ ހައްޤުތަކެއްވާ ފަދައިން މުޖުތަމައުގައި އުޅޭ މައުސޫމް މީހުންގެވެސް ހައްގުތަކެއް އޮންނަކަން ޤަބޫލުކުރަންޖެހޭކަމަށެވެ. އަދި ޤައުމު ތަރައްޤީ ކުރެވޭނީ ހަމަޖެހުމުގެ ތެރެއިން ކަމަށާއި ކުށްވެރިން ދޫކޮށްލައި މަސްލަހަތު ނަގާލައިގެން ޤައުމު ތަރައްޤީ ނުކުރެވޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އަދަބު ދެނީ އެކަންނުކޮށް ވާނެގޮތެއް ނެތުމުން ތަރުބިއްޔަތު ކުރުމަށް ކަމަށާއި ރަށްރަށުގައި ބޮޑެތި މުޖުރިމުން ގިނަވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ނޫން ކަމަށެވެ. އަދި ކުށްކުރާ މީހުންގެ ތެރެއިން މަސްތުވާތަކެތި ބޭނުން ކުރާ ޒުވާނުންނާމެދު އިހުސާންތެރިކަމެއް އޮންނަންޖެހޭ ކަމަށާއި އެފަދަ ކުދިން އެކަމުން އަރައިގަތުމަށް އެހީވުމަށް ހުރިހާ ސަރުކާރަކުންވެސް ގިނަ މަސައްކަތްތަކެއް ކުރާކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެ ނޫން އެހެން ކުށްވެރިންތަކެއް ދޫކޮށްގެން މުޖުތަމައަށް އަންނަ ނުރައްކަލަށް ވުރެ ބޮޑަށް ރައްޔިތުން ބޭނުންވާނީ ތަރައްޤީއައުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ކުށްވެރިންތަކެއް ދޫކޮށްލުމަށްފަހު ހަމަޖެހުން ނަގާލައިގެން ޤައުމު ތަރައްޤީ ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިމިވަނީ، ރިޔާސި އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ، ވެރިކަމުގެ ހުވާ ކުރައްވާދުވަހު ބޮޑެތި ކުށްވެރިންތައް ދޫކޮށްލާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ވިދާޅުވެފައިވަނިކޮށެވެ.