ޚަބަރު

ނޮޅިވަރަމުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައީސް ރަސްމީކޮށް ފައްޓަވާދެއްވައިފި


ހދ. ނޮޅިވަރަމުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަޢީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. މި ޚިދުމަތް ރަޢީސް ފައްޓަވައިދެއްވީ ހއ އާއި ހދ.ގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މަލޭ ވޯޓަރ އެންްޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ)އާއި ހަވާލުކޮށްގެން ހދ. ނޮޅިވަރަމުގައި ކުރިއަށްގެންދިޔަ ނަރުދަމާގެ މަޝްރުޢުއަކީ 74 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން ނޮޅިވަރަމުގައި ފަސް ޕަމްޕް ސްޓޭޝަން ބަހައްޓައި، 12ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއްވަނީ ޤާއިމުކޮށްފައެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 260 މީޓަރުގެ އައުޓް ފޯލް ހޮޅިވެސް ވަނީ އަޅާފައެވެ. ނަރުދަމާ ނިޒާމުގެ ހިންގުން ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކޮށްފައިވާއިރު 404 ގެއަކަށް މި ހިދުމަތް މިހާރު އަންނަނީ ދެމުންނެވެ.

ނޮޅިވަރަމްގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2016ވަނަ އަހަރުގެ މެއިމަހުގެތެރޭގައެވެ. އަދި މި މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

ނޮޅިވަރަމުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން
އެންވަޔަރަމެންޓް މިނިސްޓަރ ތާރިޤް އިބްރާޙިމް ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގެ ތިން އަހަރާއި މި ސަރުކާރުގެ ހަތަރަު އަހަރުގެ ތެރޭގައި ނޮޅިވަރަމަށް އައިސްފައިވާ ތަރައްޤީ ކޮންމެ ރައްޔިތަކުވެސް އަޅާކިޔާލަން ޖެހޭނެކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުން މަޝްރޫޢުތައް ހިންގާނެކަމަށް ބުނެ ރައްޔިތުންނަށް ދައްކާފައިވަނީ ދަޅަކަމަށާއި ، ނަމަވެސް މި ސަރުކާރުން މަޝްރޫއުތައް ޙަޤީގަތަކަށް ހަދަމުން އަންނަ މަންޒަރު ފެންނަމުންދާކަމަށްވެސް ތާރިޤް އިބްރާޙިމް ވިދާޅުވިއެވެ.

މިނިސްޓަރ ތާރިޤް ވިދާޅުވީ މިހާރު ކުރިޔަށްދާ އެއަރޕޯރޓްގެ މަޝްރޫޢުތަކާއި، އަލަށްފަށާއި ފަތުރުވެރިކަމުގެ ވިޔަފާރިތަކާއިއެކު ހއ.އާއި ހދ.ގެ ޒުވާނުންނަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ދައުރުގައިވެސް ވެރިކަން ޙަވާލުކުރަންވާނީ ސަރުކާރު ހިންގަން ދަންނަ ވެރިއަކާއި ކަމަށެވެ. އޭރު ވަކި މީހަކަށް ވަކި ޕާޓީއަކަށް ބެލުމެއްނެތި މުޅި ރާއްޖެއަށް ތަރައްޤީ އަންނަމުންދާނެކަމަށްވެސް މިނިސްޓަރ ތާރިޤް އިބްރާޙިމް ވިދާޅުވިއެވެ.